މަސްތުވާތަކެއްޗަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 30 މިލިޔަން ރުފިޔާ ހިމަނަން ސަަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ރިހެބިލިޓޭޝަން ޕްރޮގްރާމް ނިންމި 419 މީހުންގެ އަގުވަޒަންކޮށް އެމީހުންނަށް ހިތްވަރު ދިނުމަށް ޑްރަގް ކޯޓުން ބޭއްވި ހަފްލާގައި ނެޝަނަލް ޑްރަގް އޭޖެންސީގެ (އެންޑީއޭ) ޗެއާމަން އަދި ހޯމްލޭންޑުގެ ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރު ހުސައިންއެވެ.
ރީހެބިލިޓޭޝަން ފަރުވާއަށް ކުރަމުން އަންނަ ހޭދަ މި ސަރުކާރުން އިތުރުކުރަން ނިންމާފައިވާ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް އިތުރު 30 މިލިޔަން ރުފިޔާ ހިމަނަން ނިންމާފައިވާ ކަމަށް ލުބުނާ ވަނިީ ވިދާޅުވެފައެވެ.
ފަރުވާގެ ޕްރޮގްރާމުތައް ނިންމާ މުޖުތަމައަށް ނުކުންނަ މީހުންނަށް ވަޒީފާ ހޯދަން ސަރުކާރުގެ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ލުބްނާ އެދިވަޑައިގެންނެވިއެވެ. ލުބުނާ ވަނީ ފަރުވާ ހޯދާ ފަރާތްތަކަށް މުޖުތަމައުގެ އެހީތެރިކަން ލިބިދިނުމުގެ މުހިއްމުކަން ވެސް ފާހަގަކުރައްވާފައެވެ.
ރިހިބިލިޓޭޝަން ޕްރޮގްރާމްތައް އިންތިޒާމްކޮށްގެން ކުރިއަށް ގެންދަނީ އެންޑީއޭ އިން ކަމަށްވާއިރު، އެ ތަނުގެ ބަޖެޓުގެ ގޮތުގައި މިއަހަރު ހިމަނާފައިވަނީ 117 މިލިއަން ރުފިޔާ އެވެ.
މި ޙަފުލާގައި ވާހަކަދައްކަވަމުން ޑްރަގް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު ވިދާޅުވީ، މަސްތުވާ ތަކެއްޗަށް ދެވިހިފުމުން އެކަމުން ސަލާމަތްވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ސަލާމަތްވާން ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ. އެހެންކަމުން އެ ގޮންޖެހުންތައް ގިރާކޮށް ހިތްވަރާއެކު ޒިންމާދާރު މީހެއްގެ ގޮތުގައި މުޖުތަމައުއަށް ނުކުތުމުން އެންމެންވެސް ހިތްވަރުދީ އެއްބާރުލުން ދޭން ޖެހޭ ކަމަށް އިސްޤާޒީ ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ ޑްރަގް ކޯޓުގެ ނަމޫނާ މުވައްޒަފަށާއި ހާޒިރީއަށް އެންމެ ރަނގަޅު ފަރާތްތަކަށްވެސް މި ޙަފުލާގައި އިނާމާއި ހަނދާނީ ލިޔުން ދީފައިވެއެވެ. މީގެ އިތުރުން ޑްރަގް ކޯޓަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރައްވާ ޢާންމު ފަރާތެއް ކަމުގައިވާ ޢަލީ އަދީބަށް ވެސް މި ޙަފުލާގައި ހަނދާނީ ފިލާ ދީފައިވެއެވެ.
އެ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ނޭޝަނަލް ޑްރަގް އޭޖެންސީ ބޯޑްގެ ޗެއާމަން އަދި ހޯމް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ހުސައިން ވަނީ ޑްރަގް ކޯޓުން އެ ހަފްލާ ބާއްވާ، ފަރުވާގެ ކަންކަމުގައި ނަމޫނާ ދެއްކެވީތީ އެކަން ފާހަގަކުރައްވާފަ އެވެ.

