ތައިލޭންޑްގެ ބޮޑުވަޒީރުކަމަށް އައްޔަންކުރެވުނު ޕައެޓޮންގްޓާން ޝިނަވަޓްރާ އަށް ރައީސް މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ޕައެޓޮންގްޓާން ޝިނަވަޓްރާ އަކީ ތައިލޭންޑްގެ ތާރީޚުގައި އެންމެ ޒުވާން ބޮޑުވަޒީރެވެ.
ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޕައެޓޮންގްޓާން ޝިނަވަޓްރާގެ ހުނަރުވެރި ލީޑަރޝިޕްގެ ދަށުން ތައިލޭންޑް އައު ފާގަތިކަމެއްގެ ޒަމާނަކަށް ވަދެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މީގެއިތުރުން، ރާއްޖެއާއި ތައިލޭންޑާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަމާއި އެކުވެރިކަން އިތުރަށް ބަދަހިކުރުމަށް އެކުގައި މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
37 އަހަރުގެ ޕެޓޮންގްޓާންއަކީ ތައިލެންޑްގެ ތާރީޚުގައި އެންމެ ހަގު އުމުރުގައި ބޮޑުވަޒީރުކަމަށް އައި ފަރާތެވެ.
1986 އޯގަސްޓް 21 ގައި ބެންކޮކްގައި އުފަން ޕެޓޮންގްޓާންއަކީ ކުރީގެ ތައިލެންޑްގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ ދަރިއެކެވެ. ތައި ރައްޔިތުންގެ މެދުގައި “އަންގް އިންގް” ގެ ނަމުން މަޝްހޫރު އޭނާއަކީ ނުފޫޒުގަދަ ޝިނަވަޓްރާ އާއިލާއިން ތައިލެންޑްގެ ބޮޑުވަޒީރުކަން ކުރި ތިންވަނަ މެންބަރެވެ.
ޕެޓޮންގްޓާންއަކީ ވިޔަފާރިވެރިއެކެވެ. އޭނާގެ ފުރަތަމަ ތަޢުލީމު ހާސިލުކުރީ ސެއިންޓް ޖޯސެފް ކޮންވެންޓް އަދި މޭޓަރ ޑެއި ސްކޫލްތަކުންނެވެ. 2008 ގައި ޗުލަލޮންގްކޯން ޔުނިވަރސިޓީގެ ސިޔާސީ ސައިންސް ފެކަލްޓީން ސިޔާސީ ސައިންސް، ސޯޝިއޮލޮޖީ އަދި އެންތްރޮޕޮލޮޖީ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް ހާސިލުކުރިއެވެ. ފަހުން، އޭނާ ޔޫކޭގެ ޔުނިވަރސިޓީ އޮފް ސަރޭއިން އިންޓަރނޭޝަނަލް ހޮޓެލް މެނޭޖްމަންޓް ދާއިރާއިން އެމްއެސްސީ ޑިގްރީއެއް ހާސިލުކުރިއެވެ.
ޕެޓޮންގްޓާން 2019 ގައި ވައިގެ ދަތުރުފަތުރުގެ ޕައިލެޓެއްކަމުގައިވާ ޕިޓަކާ ސުކްސަވަޓާއާ ކައިވެނިކުރިއެވެ. އޭނާގެ ދެ ދަރިންގެ ތެރޭގައި އަންހެން ދަރިއެއް ހިމެނެއެވެ.
ސިޔާސީ ޢާއިލާއެއްގައި ބޮޑުވެފައިވާ ޕެޓޮންގްޓާން، ރަސްމީކޮށް ސިޔާސަތަށް ނުކުތީ 2021 އޮކްޓޯބަރު 28 ގައި ފިއު ތައި ޕާޓީގެ ބައިވެރިވުމާއި އައު ގޮތްތަކާ ބެހޭ ލަފާދޭ ކޮމިޓީގެ އިސްވެރިޔާގެ ގޮތުގައެވެ. ފަހުން، 2022 މާރިޗު 20 ގައި އޭނާ ފިއު ތައި ފެމިލީ ޕްރޮޖެކްޓުގެ އިސްވެރިޔާގެ ގޮތުގައި ޢައްޔަންކުރެވުނެވެ.

