ނެޝަނަލް ޑްރަގް އެޖެންސީން މަސްތުވާތަކެތީގެ މައްސަލައިގެ ހާލަތު ދެނެގަތުމަށް އަލުން ދިރާސާއެއް ހަދަން ނިންމައިފި
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އޮތް މިންވަރާއި ބޭނުންކުރާ މީހުންގެ އަދަދު ދެނެގަތުމަށް އަލުން ދިރާސާއެއް ހަދަން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އެންޑީއޭގެ ވައިސް ޗެއާޕާސަން އިސްމާއިލް ޒާހިރެވެ.
އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒާހިރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައިގެ ހާލަތު އަންގައިދޭ ދިރާސާއެއް އެންމެ ފަހުން ހަދާފައިވަނީ 2011 ވަނަ އަހަރު ކަމަށެވެ. އަދި އަލަށް ހަދާ މި ދިރާސާއިން މައިގަނޑު ގޮތެއްގައި ބަލަން ބޭނުންވަނީ ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދާއި، އެ މީހުންގެ އުމުރުފުރައާއި، ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޢުލޫމާތުތައް އެކި އިދާރާތަކުގައި ހުރި ނަމަވެސް، ދިރާސާއެއްގެ ގޮތުގައި އެއް ތަނަކުން މަޢުލޫމާތު މިހާރު ފެންނަން ނެތް ކަމަށް ޒާހިރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މޯލްޑިވްސް ޕޮލިސް ސަރވިސް، އެންޑީއޭ އަދި ޑްރަގް ކޯޓުގައި ހުރި މަޢުލޫމާތުތައް ބޭނުންކޮށްގެން ހާލަތު ދެނެގަތުމުގެ ދިރާސާއެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައެވެ.
މީގެ އިތުރުން، މި ދިރާސާގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ފަރުވާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ ކަމަށާއި، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޓަކައި ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ޒާހިރު ފާހަގަކުރެއްވިއެވެ. އެގޮތުން، ރާއްޖެއަށް 500 ގްރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ އަދަބަކީ މަރުގެ އަދަބު ކަމަށް ކަނޑައަޅަން ބިލެއް ޑްރާފްޓްކޮށްފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

