މާލެ ސިޓީ ކައުންސިލުން ހިއްސާކުރި މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގުނު ޚާއްޞަ އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީން ތަކެއް އަތުލައިގަނެފިއެވެ.
އިމިގްރޭޝަން ވޮޗުން މަޢުލޫމާތު ދިންގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ މ. ރީތި އޯކިޑް އާއި އެސް.އެމް.އީ ހަބްގައެވެ.
މ. ރީތި އޯކިޑް ބަލައި ފާސްކުރުމުން، އެތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ދެ ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. މި ތަނަކީ ދިވެހިން އާންމުކޮށް ދުފުމަށް ބޭނުންކުރާ ފޯއް ، ވިއްކުމުގެ ވިޔަފާރީގެ ބޭނުމަށް ތައްޔާރުކުރަމުންދިޔަ ތަނެއްކަމަށް ވެއެވެ. އަދި މި ތަނުގެ ސާފުތާހިރުކަން އިންތިހާއަށް ދަށްކަމަށް ފާހަގަކުރެވިފައިވާތީ، މިކަން ވަނީ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައެވެ.
މީގެ އިތުރުން، އެސް.އެމް.އީ ހަބްގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީންގެ މަޢުލޫމާތު އިމިގްރޭޝަން ވޮޗަށް ލިބުމާ ގުޅިގެން، އެތަން ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
މި އޮޕަރޭޝަންގައި ޖުމްލަ ފަސް ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. އިމިގްރޭޝަން ވޮޗުން ބުނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މަޢުލޫމާތު ލިބުމުން އެފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

