ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް އުފުލާފައިވާ ހަ ދައުވާ އަށް އޭނާ އިންކާރު ކުރައްވައިފިއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން ނިހާން މައްޗައް އުފުލާފައިވާ ހަ ދައުވާގެ ތެރޭގައި ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، ރިޝްވަތު ހިފުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީ ލޯންޑާ ކުރި ކަމުގެ ތުހުމަތު ހިމެނެއެވެ.
ނިހާންގެ މައްޗަށް އެންމެ ފުރަތަމަ ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިޞިއްޔަތުން އަދާކުރަން ޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު އަދީބު މެދުވެރިވެގެން އެސްއޯއެފުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިފައިވާތީއެވެ.
ދެން އޮތް އަޑުއެހުމެއްގައި އޮންނާނީ، ދައުލަަތުން ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ހެކި ހުށަހެޅުމެވެ. އަދި އެ ތުހުމަތުތަކުން ދިފާއުވާން، ނިހާންްއަށްވެސް ހެކި ހުށަހެޅުމުގެ ފުރުސަތު ކުރިއަށް ޝަރީއަތުގެ އަޑުއެހުމެއްގައި ލިބޭނެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް އުފުލާފައިވާ ހަ ދައުވާ އޭނާގެ މައްޗައް ސާބިތު ވެއްޖެ ނަމަ 36 ވަރަކަށް އަހަރު ގެ ޖަލު ހުކުމެއް އަންނާނެއެވެ.

