ރާއްޖެއަށް ކުރަމުންދާ ވިއްސާރާއިގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުންވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
އެ އިދާރާ އިން މިފަދައިން ބުނެފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އެންޑީއެމްއޭ އިން ބުނެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބި އެސެސްމަންޓް ފޯމް ހުށަހަޅާފައިވާ ކަމަށާއި މިއީ މިއަދުގެ މިއަދުގެ 14:00 އާ ހަމައަށް ލިބިފައިވާ ރިޕޯޓުތައް ކަމަށެވެ.
މި ވިއްސާރައިގައި 3 ރަށެއްގެ ދަނޑުބިންތަކަށްވެސް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށާއި މިފޯމްތަކުގެ ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި އަދި މިވިއްސާރާގައި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެސެސްމަންޓް ހަދަންޖެހޭކަމަށް ފާހަގަކުރެވުނު 41 ގެއެއްގެ ތެރެއިން 37 ގެއެއްގެ އެސެސްމަންޓް ހަދާނިމިފައިވާ ކަމަށާއި އޭގެ ތެރެއިން ހަތަރު ގެއަކުން ވަނީ އެސެސްމަންޓް ހަދަން ބޭނުން ނުވާ ކަމަށް އެ އިދާރާ އަށް އަންގައިފައި ވާ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
މި އެސެސްމަންޓް އިން މާލެއަށް ކުރި ވިއްސާރައިގައި އިމާރާތަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް -/819،549ރ ގެ ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ހާމަކުރެއެވެ.
ރާއްޖެއަށް މި ކުރާ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރި ރަށްތަކުގެ ތެރޭގައި ހއ. ބާރަށާއި ހއ. ދިއްދު އާއި ހދ. ކުޅުދުއްފުށްޓާއި ޅ. ނައިފަރާއި އެ އަތޮޅު ކުރެންދޫގެ އިތުރުން ގއ. ދެއްވަދު އާއި ސ. މަރަދު އާއި ސ. ފޭދޫ އަދި ސ. ހިތަދޫ ހިމެނެއެވެ.

