ރާއްޖޭގެ މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ރާއްޖޭގައި ހިންގަމުންދާ ބޭންކުތަކުގެ ވެރިންނާއެކު މަޝްވަރާކުރައްވައިފި އެވެ.
ގަވަރުނަރު ބައްދަލުކުރައްވާފައިވަނީ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ބޭންކް އޮފް ސިލޯން، މޮރޭޝަސް ކޮމާޝަލް ބޭންކް، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، ހަބީބް ބޭންކް އަދި އެޗްއެސްބީސީ ގެ ވެރިންނާއިއެވެ.
މި ބައްދަލުވުމުގައި ގަވަރުނަރު ވަނީ ބޭންކުތަކާއި ގުޅިގެން އެކި ދާއިރާތަކުން މަސައްކަތް ކުރުމަށް މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ބޭންކްތަކާއި އެމްއެމްއޭ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ރަނގަޅު ކުރުމަށާއި މާލީ ދާއިރާގެ ތަރައްގީއަށް އެމްއެމްއޭއާއި ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފަ އެވެ.
ގަވަރުނަރާއި އެމްއެމްއޭގެ އިސް ބޭފުޅުން ރާއްޖޭގެ ހުރިހާ ބޭންކުތަކާ ބައްދަލުކުރައްވާފައިވާ އިރު މިމަހު ދައުލަތުގެ ރިޒާވްގެ ހާލަތު ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށް ވެސް އެއިދާރާއިން ބުނެފައިވެއެވެ.
އަހުމަދު މުނައްވަރު އެމްއެމްއޭ ގެ ގަވަރުނަރުގެ މަގާމަށް އައްޔަންކޮށްފައިވަނީ 31 ޖުލައިގަ އެވެ.
މުނައްވަރަކީ ކުރިން ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭނާ ވަނީ 1999 އިން 2014 ވަނަ އަހަރާ ހަމައަށް އެމްއެމްއޭގައި މަސައްކަތް ކުރައްވައިފައިވެ އެވެ.

