ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ މެދުގައި އިހުމާލުވާ ފަރާތްތައް، 50،000 ރުފިޔާ އިން ވަޒީފާ ދޭ ފަރާތް ޖޫރިމަނާ ކުރެވޭ ގޮތަށް ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން، މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި “ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ ރުހުމާއެކީގައެވެ. މި ބިލާއި އިދިކޮޅަށް އިދިކޮޅު 10 މެންބަރުން ވަނީ ވޯޓުދީފައެވެ. މިބިލާއި އިދިކޮޅަށް ބަހުސްކުރި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވޯޓު ނެގިއިރު ތަޅުމުގައި އިން ނަމަވެސް ބިލަށް ވޯޓުދީފައިނުވެއެވެ.
ކޮމިޓީ ބަހުސްގައި ބައެއް މެންބަރުން ވަނީ ޖޫރިމަނާގެ އަދަދު ބޮޑުވެގެން އެކަމާ ވާހަކަދައްކާފައެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި ބިދޭސީއަކު ރާއްޖެ ގެނައުމަށް ފަހު، ވަޒީފާ ދޭ ފަރާތުން އިހުމާލު ވެއްޖެ ނަމަ، މައިގަނޑު ތިން ފިޔަވަޅެއް އެޅިދާނެއެވެ. އެއީ ބިދޭސީން މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ފަހު އިހުމާލުވާ ވަޒީފާ ދޭ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރުމާއި އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000ރ. ގެ މަގުން ޖޫރިމަނާ ކުރުމާއި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން ވަޒީފާދޭ ފަރާތަށް ދޭ ހިދުމަތްތައް ބިލްގެ ދަށުން ހަދާ ގަވައިދާ އެކުގައި ވަކި މުއްދަތަކަށް ހުއްޓާލެވޭނެ ކަމަށް ވެސް ބިލްގައި ބުނެފައިވެއެވެ.
ވަޒީފާދޭ ފަރާތުން ބިދޭސީންނާ މެދުގައި އިހުމާލުވި ކަމުގައި ބެލޭނެ ހާލަތްތަކަކީ މުސާރަ ނުދިނުމާއި ވަޒީފާ ދޭ ފަރާތުން ފޯރުކޮށްދޭން ޖެހޭ އަސާސީ ކަންކަން ކަމުގައި މި ބިލްގެ ދަށުން ހަދާ ގަވައިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަ ނުކުރުމާއި ބިދޭސީން ރާއްޖެ ގެނައުމުގައި އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުން ނުވަތަ އެ މީހުން ލައްވާ ގާނޫނާ ހިލާފު އަމަލުތައް ހިންގުމާއި ބިދޭސީ މަސައްކަތްތެރިޔާ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާ ކުރުމެވެ.
ބިދޭސީ މަސައްކަތްތެރިޔާގެ ވަޒީފާގެ އެއްބަސްވުމުގެ ދާއިރާގެ ތެރެއިން ކުރާ އެހެނިހެން މަސައްކަތް ކުރުމަކީ އެހެން ވަޒީފާއެއް އަދާ ކުރުން ކަމުގައި ނުބެލެވޭނެ ކަމަށް ބިލްގައި ބުނެފައިވެއެވެ.

