ރާއްޖޭގެ ފުރަތަމަ ފީފާ ރެފްރީ މައްލާ ޅަތުއްތުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފިއެވެ.
މައްލާ ޅަތުއްތުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު އެވެ. މިއަދު އެ ދަފުތަރު ހުޅުވުމަށް ބޭއްވި އިވެންޓްގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދު الله ރާފިޢުގެ އިތުރުން ކުޅިވަރު އިސް ފަރާތްތައް ބައިވެރިވެލެއްވިއެވެ.

ރާއްޖޭގެ ފުރަތަމަ ފީފާ ރެފްރީ މައްލާ ޅަތުއްތުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވުން/ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ދިވެހި ފުޓުބޯޅައިގެ ލެޖެންޑްރީ ރެފްރީ މައްލާ ޅަތުއްތު އަވަހާރަވުމަކީ، ދިވެހި ކުޅިވަރަށް ފޫ ނުބެއްދޭނެ ވަރުގެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް މިފަދައިން ވިދާޅުވީ މައްލާ ޅަތުއްތު އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މައްލާ ޅަތުއްތު އަވަހާރަވެފައި ވަނީ، އިންޑިއާގެ ޓްރިވެންޑްރަމްގައި ޞިއްޙީ ކަމަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

