ގދ.ފިޔޯރީ ސްކޫލުގެ ބެލެނިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ދިވެހި ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
ފިޔޯރީ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވަނީ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މި ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހުއެވެ.
ފިޔޯރީ ސްކޫލުގެ މުދައްރިސުންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވި މި ޕްރޮގްރާމަކީ ގދ. އަތޮޅުގެ ފެމެލީ އެންޑް ޗައިލްޑް ސަރވިސް ސެންޓަރުގެ ކޭސް ވޯކަރ އާއި ފިޔޯރީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި އިންޓަނެޓު މެދުވެރިކޮށް ކުރާ ކުށްތަކާއި ބެހޭގޮތުން ހޭލުންތެރި ކުރުވުމަށް ފުލުހުން ވަނީ ބެލެނިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން މި ޕްރޮގްރާމުގައި އިންޓަނެޓުގެ ޒަރީއާއިން ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ކުށްތަކާއި އެފަދަ ކަންކަމުން ކުދިން ރައްކާތެރިކޮށް ދުރުހެލިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ. އަދި އެކިކަހަލަ އަނިޔާތަކުގެ ނުރައްކާތެރިކަމާއި އެފަދަ ކަންކަން ދިމާވެއްޖެނަމަ ދަރިންނަށް ލިބިދާނެ ގެއްލުންތަކާއި އެފަދަ ކަންކަމުން ރައްކާތެރިވެތިބުމަށް ބެލެނިވެރިންގެ ހައިސިއްޔަތުން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
އަދި ކުދިންގެން އުމުރާ ގުޅިގެން ކުދިންނަށް އަންނަމުންދާ ބަދަލުތައް ދެނެގަންނާނެ ގޮތްތަކާއި، ދަރިންގެ އިހުސާސްތައް ދެނެގަންނާނެ ގޮތްތަކާއި މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތަކުން ދަރިން ދުރުކުރުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މުޖްތަމައުގައި ހުރި އެކި ކަހަލަ މައްސަލަތަކާއި، ކުށް މަދު ކުރުމަށް ފުލުހުން ދަނީ އެކި ކަހަލަ ޕްރޮގްރާމްތައް ހިންގައި ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

