ސްރީލަންކާގެ މަސްބޯޓެއް އޮޔާ ދާތީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފިއެވެ. މި ބޯޓު އޮޔާދާކަމަށް ވަނީ ހއ. ވަނގާރުގެ ހުޅަނގުން 39 ނޯޓިކަލް މޭލު ބޭރުންނެވެ.
އެމްއެންޑީއެފް އިން ބުނީ މި ބޯޓަކީ އިންޖީން މައްސަލައެއް ޖެހުމުގެ ސަބަބުން އޭގެ ފަޅުވެރިން ދޫކޮށްލާފައިވާ މަސްބޯޓެއްކަން މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރަކަށްވެފައި ވައި ޖެހެނީ ހުޅަނގާއި ހުޅަނގު އުތުރުން ކަމަށްވާތީ މި ބޯޓް، އޮޔާއެކު ރާއްޖެއަށް ކައިރި ވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ބުނީ މި ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް ކޯސްޓްގާޑުން އިލްތިމާސް ކޮށްފައިވާ ކަމަށެވެ. ހާއްސަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރު ކުރުމުގައިވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

