ކޮވިޑް-19 ގެ ދުވަސްވަރު ޕީ.ސީ.އާރު ޓެސްޓް ހެދުމަށް އައި.ޖީ.އެމް.އެޗްގެ ލެބޯޓަރީގައި ބޭނުންކުރި “ރީއެޖެންޓްސް”، އަމިއްލަ މަޞްލަޙަތު ހިމެނޭ ފަރާތަކަށް (އާރު.އެމް.އެލް.އެސް ލެބް ސަރވިސަސްއަށް) ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލައިގައި އައި.ޖީ.އެމް.އެޗްގެ ކުރީގެ 3 ވެރިއެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.
އެ މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުނު ފަރާތްތަކަކީ، ކޮވިޑް-19 ގެ ދުވަސްވަރުގައި އައި.ޖީ.އެމް.އެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއަރކަމާއި، މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި، ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރު އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ޑރ. ޢަލީ ޢަބްދުﷲ ލަޠީފު (މ. ގައްދަޑުގެ، ކ.މާލެ) އާއި އައި.ޖީ.އެމް.އެޗްގެ ކުރީގެ ސީ.އީ.އޯ އިބްރާހީމް ސަލީމް (މއ.ބަންދުގެ / ކ.މާލެ،) ގެ އިތުރުން އައި.ޖީ.އެމް.އެޗްގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ.މިލްޒާ ޢަބްދުލްމުޙްސިން (ގަހާކޯޅި / ގދ.ތިނަދޫގެ މައްޗަށެވެ.
އެ މައްސަލައިގެ ތަހުޤީޤުން ހޯދި ހޯދުންތަކުން ޑރ.ޢަލީ ޢަބްދުﷲ ލަޠީފް އަދި އޭނާގެ މަސްލަޙަތު އޮންނަ އާރު.އެމް.އެލް.އެސް ލެބް ސަރވިސަސް އިން މަނީލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީ، ވަކި މައްސަލައެއްގެ ގޮތުގައި ޑރ.ޢަލީ ޢަބްދުﷲ ލަޠީފް އަދި އާރު.އެމް.އެލް.އެސް ލެބް ސަރވިސަސްގެ މަނީލޯންޑަރިންގ ގެ މައްސަލަ ތަހުޤީޤުކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ވަނީ ފޮނުވާފައެވެ. އަދި ޑރ.ޢަލީ ޢަބްދުﷲ ލަޠީފް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރުހަދައި އޮޅުވާލާފައިވާކަމަށް ތަހުޤީޤުން ހޯދާފައިވާ ހޯދުންތަކުން ތުހުމަތު ކުރެވޭތީ، އެ މައްސަލަ ތަހްޤީޤުކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ވަނީ ފޮނުވާފައެވެ.
އޭގެއިތުރުން، އެ މައްސަލައިގައި، ޑރ. ޢަލީ ޢަބްދުﷲ ލަޠީފު އަދި ޑރ.މިލްޒާ ޢަބްދުލްމުޙްސިނާއި ގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސް އަދި އެ ދެ ފަރާތާއިމެދު ފިޔަވަޅެއް އަޅުއްވަން ޖެހޭކަމުގައި ވާނަމަ އެ ފިޔަވަޅެއް އެޅުއްވުމަށްފަހު، އެކަން މި ކޮމިޝަނަށް ހިއްސާކުރެއްވުމަށް ވަނީ އަންގާފައެވެ.

