ރައްޔިތުންގެ މަޖިލީހުގައި އޮތް އާބަން ޑިވެލޮޕްމަންޓް ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ އިއުލާނެއް ކޮށްފައެވެ. މި އިއުލާނުގައި ބުނެފައިވަނީ އާބަން ޑިވެލޮޕްމަންޓް ބިލަށް އާންމުންގެ ހިޔާލަށް ހުޅުވާލާކަމަށާއި މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އިން ދިރާސާ ކުރަމުންދާ ބިލެއް ކަމަށެވެ.
މި ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ އީމެއިލް އެޑްރެސް committee@majlis.gov.mv އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އިއުލާނުގައިވާ ގޮތުން މި ބިލަށް ހިޔާލު ނުވަތަ ކޮމެންޓް ހުށަހެޅުމުގެ ސުންގަޑިއަކީ މި ހިނގާ އޮގަސްޓު މަހުގެ 25 ވާ އާދީއްތަ ދުވަހުގެ 16:00 އެވެ.
އާބަން ޑިވެލޮޕްމަންޓްގެ ބިލްގެ ބޭނުމަކީ ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކޮށް ހިންގުމާ ގުޅޭ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމު ކުރުމަށްޓަކައި، ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތެއްގައި ބިމުގެ ބޭނުން ހިފޭނެ މޭރުމުން ބިނާވެށި ޕްލޭންކޮށް ހިންގުމާއި އެ ޕްލޭންތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިން ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި ތަރައްގީގެ މަސައްކަތްތައް މޮނިޓަކޮށް ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާން ކުރުމެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލް އަޒީޒު އެވެ.

