ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލި ބިޑަށް ރީޖަނަލް އެއާޕޯޓްސް ކުންފުނި (އާރުއޭސީއެލް) އިން ބިޑް ހުށަހަޅައިފިއެވެ. އާރްއޭސީއެލްގެ އިތުރުން ދުބާއީގެ ކުންފުންޏަކުންވެސް މި ބިޑަށް ކުރިމަތިލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި ޕްރޮޖެކްޓުގެ ދަށުން 100 ހައިބްރިޑް ވާޓިޕޯޓާއި 500 ޑްރޯން ޕޯޓު ގާއިމްކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި ޚިދުމަތް ފުޅާވުމުން ރާއްޖެއަށް އިތުރު ފޮރިން އިންވެސްޓްމަންޓް ލިބޭނެކަމަށް ބެލެވޭ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ހިދުމަތްދޭ ފަރާތްތަކުން ރެޕިޑް މެޑިކަލް ރެސްޕޮންސްއަށް އެއަރ އެމްބިއުލާންސް ޚިދުމަތް ދޭންޖެހޭނެ ކަމަށާއި، ހުރިހާ ސަރަހައްދެއްގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ހެލިކޮޕްޓަރު ބޭނުންކުރަންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މީގެ އިތުރުން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކޮމާޝަލް ޕެސެންޖަރ ޓްރާންސްޕޯޓް ތަޢާރަފްކުރަންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މި ބިޑް ކާމިޔާބުކުރާ ފަރާތަކަށް ރާއްޖޭގައި 10 އަހަރަށް ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމުގެ ހުއްދަ ދެވިގެންދާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
އަދި ދުބާއީގެ ކުންފުންޏަކާއެކު 20 އަހަރަށް އެމްއޯޔޫ ސޮއިކުރާ ވާހަކައަކީ ދޮގު ޚަބަރެއް ކަމަށް މިނިސްޓްރީން ސާފު ކޮށްދީފައި ވެއެވެ.

