ހުޅުމާލޭގައި ގާއިިމްކުރާ ޕާކިން ބިލްޑިންތައް އެންމެ ލަސްވެގެން އަންނަ މަހު ހުޅުވާލާނެ ކަމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން( އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ފަޒުލް މިފަދައިން ވިދާޅުވީ ނުގަވައިދުން ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ވަގުތީ ގޮތުން ޕާކުކުރަން ހުޅުމާލެ ދެވަނަ ފިޔަވަހިން ކަނޑައެޅި ބިން ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި މެނޭޖަރު ވިދާޅުވީ ޕާކިން މައްސަލަތައް ހައްލުކުރުމަށް ހުޅުމާލޭގައި 15 ޕާކިން އިމާރާތު އެޅުމަށް ނިންމާފައިވާ ކަމަށާއި މި އިމާރާތްތަކުން 4000 ޕާކިން ޖާގަ އުފެދޭނެކަމަށެވެ.
ފަޒުލް ވިދާޅުވީ އުއްމީދަކީ ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި މާލޭ ސަރަހައްދަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކޮށްދެއްވުންކަމަށާއި ވުމާއެކު އެ އަމާޒުގައި އެޗްޑީސީ އިން އެ މަސައްކަތް ކުރާއިރުގައި ޕާކިން ޕްރީ ސޭލް އެކްޓިވިޓީސްތައް އެޗްޑީސީގެ ބެލުމުގެ ދަށުން ގެންގޮސްދޭނެ ކަމަށެވެ.
މީގެ އިތުރުން ފަޒުލް ހާމަކުރެއްވި ގޮތުގައި މި އިމާރާތްތަކުގައި ޕާކުކުރަން ހުޅުމާލޭގެ އިމާރާތްތަކުގައި އުޅޭ ފަރާތްތަކަށް ހާއްސަކޮށް ވަކި އަދަދުތަކެއް ކަނޑައަޅާނެކަމަށާއި ކުރިޔަށް އޮތްތަނުގައި ކޮމާޝަލް ޔުނިޓްތައް ހަދާ ޕާކިން ސްލޮޓްތަކަށް ފީއެއް ނެގުމަށް ވިސްނުން ގެންގުޅުވާކަމަށެވެ.
ހުޅުމާލޭގައި ގާއިމް ކުރާ ޕާކިން ބިލްޑިންތައް އެންމެ ލަސްވެގެން އަންނަ މަހު ހުޅުވާލާނަން: ފަޒުލް

