ހުޅުމާލެއިން ވަގުތީ ގޮތުން އުޅަނދު ޕާކުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަމަޖެއްސި ބިން ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.
އެޗްޑީސީގެ ފަރާތުން އެ ބިން ހަވާލުކޮށްދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދެވެ. އަދި މިނިސްޓްރީގެ ފަރާތުން އެ ބިމާ ހަވަލުވީ މިނިސްޓަރު މުހައްމަދު އަމީނެވެ.
މި ބިން ހަމަޖެއްސީ މާލެ ސަރަހައްދުގައި ރަޖިސްޓްރީނުކޮށް މަގުމަތީގައި ބަހައްޓާފައިހުރި އުޅަނދުތަކާއި، މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ހުރި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ޕާކްކޮށްފައި ބެހެއްޓުމަށެވެ.
ބޮޑުމިނުގައި 42،132.05 އަކަފޫޓު ހުންނަ މި ބިމުގައި އުޅަނދު ބަހައްޓާ ފަރާތްތަކުން އުޅަނދުގެ ރަޖިސްޓްރޭޝަން ޕްރޮސެސް ފުރިހަމަކުރުން ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަކަށް ހަ މަސްދުވަހުގެ ތެރޭގައި އުޅަނދު ގެންދަންޖެހޭނެ އެވެ.
މި ބިމުގައި އުޅަނދު ބަހައްޓާނެ ގޮތުގެ އުސޫލެއް މިނިސްޓްރީން އަދި އިއުލާނެއް ނުކުރެ އެވެ. އެ އުސާލާއި ބިން ހުޅުވާލާނެ ތާރީހު އިއުލާނުކުރުމަށް މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ.
މާލެފަހި ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގެ މަގްސަދަކީ މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ އަދަދު މަދުކޮށް، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމެވެ.

