މާލެ ސަރަޙައްދުގެ ޕިކްނިކް އައިލެންޑެއް ކަމުގައިވާ ކުޑަގިރީގައި 1,000 ގަސް އިންދުމަށް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ކްލީން މޯލްޑިވްސް އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ.
އެމްއައިބީގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، މުފައްދަލް އިދުރީސް ހުމްރީ އެވެ. ކްލީން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ރައީސާ ހަފްސަތު ޢަލީމް އެވެ.
އެމްއައިބީން މަޢުލޫމާތު ދެއްވި ގޮތުގައި، ކުޑަގިރީގައި 1,000 ގަސް އިންދުމުގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މީގެ އިތުރުން، އެކި ރަށްރަށުގެ ރައްޔިތުން ގަސް އިންދުމާއި ފެހިކުރުމަށް އަހުލުވެރިކުރުވުމާއެކު، އެ ރަށްތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއައިބީން ހާމަކުރެއްވިއެވެ.
އެމްއައިބީން ދަނީ މުޖުތަމަޢަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާކުރާނެ މިފަދަ އެކިއެކި މަޝްރޫޢުތައް ކުރިއަށް ގެންދަމުންނެވެ.

