ލޭނު މަސްވެރިކަމަށް ހުއްދަދީ އެ މަސްވެރިކަން ރާއްޖޭގައި ފުޅާކުރުމަށް ސަރުކާރުން މިހާރު ފަށާފައިވާ މަސައްކަތުގެ ދަށުން ލޭނުއެޅުމަށް ހުއްދަދޭން ނިންމާފައިވަނީ ރާއްޖެއާއި 100 މޭލު ބޭރުންކަމަށް ފިޝަރީޒް މިނިސްޓަރީން ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ދިވެހި މަސްވެރިން އާންމުކޮށް ކަންނެލި މަސްވެރިކަންކުރާ ސަރަހައްދުކަމަށްވާ ރ. އަތޮޅު އަލިފުށީގެ އުތުރުން އެއްވެސް ސަރަހައްދެއްގައި ލޭނު މަސްވެރިކަން ނުކުރާނެ ކަމަށެވެ. މިއީ ވަކި ސިސްޓަމްތަކެއް ހަރުކުރެވިގެން އުސޫލެއްގެ ތެރެއިން ކުރެވޭނެ ކަމެއްކަމަށާއި، މިކަމުގެ ސަބަބުން މަސްވެރިކަމަށް އެއްވެސް ވަރެއްގެ ބަދަލެއް ނައަންނާނެ ކަމަށެވެ. އަދި އިގްތިސާދަށްވެސް އެއްވެސް ބަދަލެއް ނައަންނާނެ ކަމަށްވެސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.
އެ މިނިސްޓްރީން ވަނީ މިއަދު ނޫސްވެރިންނާ ބައްދަލުކޮށް ލޭނު މަސްވެރިކަމާގުޅޭ ގޮތުން މައުލޫމާތު ދެއްވާފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ލޭނު މަސްވެރިކަން ރާއްޖޭގައި ރަނގަޅު ގޮތުގައި ގާއިމް ކުރެއްވިއްޖެނަމަ އެއީ އިގްތިސާދަށް ނިންމޭ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.
“ހުޅުމާލެއިން ދޯނިފަހަރުތައް ފުރާނީ. ކެމެރާ ހުންނާނީ ހަރުކުރެވިފަ. ރަނގަޅަށް މޮނީޓާރ ކުރެވޭނެ” މިނިސްޓަރު
މިއި މީގެ ކުރިންވެސް ރާއްޖޭގައި ކުރި މަސްވެރިކަމެއްކަމަށާއި މިއީ އާ ކަމެއްނޫން ކަމަށެވެ. މިހާރު މި މަސައްކަތް ކުރަންގަސްދު ކުރަނީ ކުރިން މި މަސައްކަތް ކުރަމުންދިޔައިރު ހުރި މައްސަލަތައް ހޯދާ ބަލާ ކަންކުރެވޭނެ ގޮތަށް ކަމަށެވެ. އެހެންކަމުން ގަބޫލު ކުރެވެނީ ކުރިއަށް އޮތްތާގައި ވެސް މިކަމުގެ ސަބަބުން ބޮޑުކަންނެލީގެ މަސްވެރިކަމަށް ވެސް ހެޔޮބަދަލެއް އައުން ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ފާހަގަ ކުރެއްވީ ބޮޑުކަންނެލި މަސްވެރިންނާއި އަދި ޖަމިއްޔާތަކުން ވެސް މިކަމުގައި ތިބީ އެއްބާރުލުންދޭން ކަމަށެވެ. ނަމަވެސް ކަންނެލި މަސްވެރި ކަމަށް ލޭނު އެޅުމަށް ހުއްދަ ދިނުމާއި ދެކޮޅަށް މަސްވެރިންނާއި ޖަމިއްޔާތަކުން މުޒާހަރާއަށް ނުކުތުމަށްވަނީ ތައްޔާރުވެފައެވެ. ކަންނެލި މަސްވެރިން ބުނީ ލޭނު އެޅުމުގެ ގަވައިދު އޮތީ މަސްވެރިންނަށް ސީދާ ނަފާ ލިބޭ ގޮތަކަށްނޫން ކަމަށެވެ. އެހެންކަމުން އެކަންކަންބަލާ މަސްވެރިންނަށް ފައިދާ އިތުރުކުރުމަށް މަސައްކަތް ކުރުން މުހިންމު ކަމަށް ވެސް ބުނެފައި ވެއެވެ.

