ކާބޯތަކެތި ތައްޔާރުކުރާ ތަންތަނުގައި ހުންނަ މައްސަލަތައް ރިޕޯޓު ކުރެވޭނެ ފަސޭހަ ނިޒާމެއް ހަމަޖައްްސަވާނެކަމަށް ސިއްހަތާބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނުގެދަށުން، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމުގެ އިންތިޤާލީ އުސޫލު މި މަހުގެ 23 ވަނަ ދުވަހު ގެޒެޓްކުރައްވާނެކަމަށެވެ.
ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނަކީ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގެ ޤާނޫނެވެ. މި ޤާނޫނުގައި ކާބޯތަކެތި ތައްޔާރުކުރުމާއި އިމްޕޯޓް އެކްސްޕޯޓް، ކާބޯތަކެތި ވިއްކާ ޚިދުމަތްދޭ ތަންތަން ހިންގުމުގެ މިންގަނޑާ ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމުގެ އުސޫލުތައް ކަނޑައަޅާފައިވެއެވެ. އަދި އާންމު ސިއްޙަތަށް ނުރައްކާވާ ޙާލަތްތަކުގައި އަޅާނެ ފިޔަވަޅުތަކާއި ޖޫރިމަނާ ވަނީ ކަނޑައަޅާފައެވެ.
ވަޒީރު ވިދާޅުވީ މި ޤާނޫނުގެ ދަށުން އަދަބުތަކެއް ކަނޑައެޅިފައިވާއިރު 10،000 އިން ފެށިގެން 50،000އާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

