ކ. ތިލަފުށީ ގުދަނެއްގައި މިއަދު ހެނދުނު ހިނގި އަލިފާނުގައި ހާދިސާގައި މީހަކު ފިހިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
މެރިންޑޯ މެރިންވޯކްސް ނަމަކަށް ކިޔާ ވޯކްޝޮޕުގައި ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރިއަށްދާއިރު ދާދި ދެންމެ އެކު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެމްއެންޑީއެފުން ބުނީ ފިހިގެން ފަރުވާދެނީ ދިވެއްސަކަށް ކަމަށެވެ. އެ މީހާއަށް ފަރުވާދެމުން ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ތިލަފުށީގައި އަލިފާނުގެ ހާދިސާ ހިނގިތަން…..ފޮޓޯ: އެމްއެންޑީއެފް
ތިލަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ މަންޒަރު ފެންނަ ވީޑިޔޯއެއް ދައުރު ވަމުންދާ އިރު އޭގެއިން އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރިފައިވާ ތަން ފެނެއެވެ. އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ތިލަފުށި ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ ހާދިސާ ހިނގާފައިވާ ކަމަށް އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ ހެނދުނު 8:36ގައި ކަމަށް އެ ތަނުން ބުންޏެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާާން ކޮންޓްރޯލްވެފައިވީ ނަމަވެސް އަދި އެއްކޮށް ނިއްވާ ނުލެވޭ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އަލިފާން ރޯވި ގަޑީގައި ވޯކްޝޮޕް ތެރޭގައި މެރިންޑޯގެ 30 ވަރަކަށް މުވައްޒަފުން ތިބިއިރު އެ އެންމެންވެސް ސަލާމަތްކަމާއެކު ވޯކްޝޮޕުން ވަނީ ނެރެފަ އެވެ.

