1962ވަނަ އަހަރު ގދ ތިނަދޫގައި ދިރިއުޅެމުން ދިޔަ އެންމެން ރަށުން ބާލާ މުޅި ރަށް އެއްކޮށް ފަޅު ކޮށްލުމަށް ފަހު އަލުން އާބާދުވެ މިއަދަށް 58 އަހަރު ފުރުމާއި ގުޅިގެން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސަޢުދުﷲ ހިލްމީ އަގުހުރި އިލްތިމާސެއް ޙިއްޞާ ކުރައްވާފިއެވެ.
ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އޭނާގެ ފޭސްބުކް އައިޑީގައި ތިނަދޫ ދެވަނަ ފަހަރަށް އާބާދުވިތާ 58 އަހަރު ފުރުމުގެ ތަހުނިޔާ ތިނަދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ސައުދު ވިދާޅުވީ ދުނިޔޭގެ ހިނގާފައިވާ ކޮންމެ ކަމަކީވެސް ސަބަބުތައް އޮންނަ އަދި އެއިން އިބްރަތްތަކެއް ލިބިދޭނެ ކަމެއް ކަމަށެވެ. އެގޮތުން ޤައުމުތަކާ ރަށްތަކާ ޖަމިއްޔާތަކަށް ދިމާވެފައިވާ ކަންކަން ވަކިން ޙާއްސަކޮށް ފާހަގަކުރައްވާ ވިދާޅުވީ މާޒީގައި ހެދިފައިހުންނަ ގޯސްތާކާއި، ރަނގަޅުނޫން ކަންކަން ތަކުރާރު ނުކުރުމާއެކު ޖާނާ މާލުން ގެއްލުމެއް ވެދާނެފަދަ އެންމެހާ ކަންކަމުން ރައްޔިތުން ސަލާމަތް ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.
އަދި މިފަދަ ދުވަސްތަކާ ގުޅިގެން އަޒުމް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށް ވެސް ދެކިލައްވާކަމަށް އެމްޕީ ސަޢުދުﷲ ވަނީ އޭނާގެ ޕޯސްޓްގައި ވިދާޅުވެފައެވެ.

