ރ. ހުޅުދުއްފާރުގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫޢު ތާރު އެޅުމުގެ މަރުހަލާއާ ގާތްވެއްޖެކަމަށް އާރްޑީސީން މަޢުލޫމާތު ދީފިއެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 3.1 ކިލޯމީޓަރު ދިގުމިނުގައި 6 މަގެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުދުއްފާރު މަގުހެދުމުގެ ތެރެއިން……ފޮޓޯ:އާރްޑީސީ
އާރްޑީސީން ބުނާ ގޮތުގައި މަގުތަކުގައި ތާރު އެޅުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ. އެގޮތުން މައިގަނޑު ގޮތެއްގައި ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް ނިމި، ތާރުގެ ކުރިން އަޅާ އެގްރިގޭޓް ބޭސް ކޯރސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތުގެ 73 އިންސައްތަ ވަނީ ނިމިފައެވެ.

ހުޅުދުއްފާރު މަގުހެދުމުގެ ތެރެއިން……ފޮޓޯ:އާރްޑީސީ
މި މަޝްރޫޢު އާރްޑީސީއާ ހަވާލުކުރެވުނީ 2022 ވަނަ އަހަރުގެ މޭ މަހުގައެވެ. މަޝްރޫޢުގެ އަގަކީ 88,912,040.55 ދިވެހި ރުފިޔާއެވެ.
ހުޅުދުއްފާރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ، ކޭބަލް ޖަންކްޝަން ނެޓްވޯރކް އާއި ސްޓޯރމް ވޯޓަރ ނެޓް ވޯކް ގާއިމު ކުރެވިގެންނެވެ.

ހުޅުދުއްފާރު މަގުހެދުމުގެ ތެރެއިން……ފޮޓޯ:އާރްޑީސީ
މީގެ އިތުރުން ޕަމްޕް ސްޓޭޝަންތައް ބެހެއްޓާއި މަގުބައްތި ހަރުކުރެވިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ޖުމްލަ މަސައްކަތުގެ 87 އިންސައްތަ ވަނީ މިހާރު ނިމިފައެވެ.
މި މަޝްރޫޢު ނިމުމުން ރ. ހުޅުދުއްފާރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީވެ، ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ކަމަށް ބެލެވެއެވެ.

