އިހަވަންދިއްޕޮޅުގައި ފެށުމަށް ހަމަޖެހިފައިވާ ބަންކަރިންގ ހިދުމަތުގެ ތެރެއިން މެރިޓައިމް އަދި އޯޕީއެލް (އޮފް ޕޯޓް ލިމިޓްސް) ހިދުމަތްތައް ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ.
މިއަދު މެންދުރުފަހު އެމްޕީއެލްގެ މައި އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)، މުޙައްމަދު ވަޖީހު އިބްރާހީމެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، ސިމާދު އިބްރާހީމެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައި، ބަންކަރިންގ ހިދުމަތުގައި ތެލުގެ ބާވަތްތައް ފޯރުކޮށްދޭނީ އެސްޓީއޯއިން ކަމަށާއި ފެނާއި އެހެނިހެން ތަކެތި ފޯރުކޮށްދޭނީ އެމްޕީއެލުން ކަމަށް ވަޖީހު ވިދާޅުވިއެވެ. މީގެ އިތުރުން، މިމަސް ތެރޭގައި މި ހިދުމަތަށް ބޭނުންވާ ބާޖެއް އަންނާނެ ކަމަށާއި އިތުރު ބާޖެއް އަންނަ މަހު ލިބޭނެކަމަށް ވަޖީހު ފާހަގަކުރެއްވިއެވެ. އަދި އަންނަ މަހުގެ ކުރީކޮޅު ހިދުމަތް ފެށޭނެ ކަމަށާއި މިހާރު ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ސިމާދު އިބްރާހީމް ވިދާޅުވީ ބަންކަރިންގ ޚިދުމަތް ފަށަނީ އޮފްޝޯ ފްލޯޓިންގ ބަނދަރެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އަމާޒަކީ އިހަވަންދިއްޕޮޅުގައި އެކަށީގެންވާ ސްޓޯރޭޖް ވަސީލަތްތަކެއް ޤާއިމުކޮށްގެން ހިދުމަތް ފޯރުކޮށްދިނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“މި ވަގުތު ޚިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވަނީ ބަންކާ ބާޖެކެވެ. އަޅުގަނޑުމެން މި މަސައްކަތް ފަށަނީ ދެ ބާޖު ބޭނުންކޮށްގެންނެވެ. މި ބާޖުތަކުގެ ޖުމްލަ އުފުލޭނެ މިންވަރަކީ ގާތްގަނޑަކަށް 8000 ޓަނެވެ. އެއީ ކޮންމެ ބާޖަކަށް 4000 ޓަނުގެ މަގުންނެވެ،” ސިމާދު ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅަކީ މި މަސައްކަތަށް އެކަށީގެންވާ ރަނގަޅު ސަރަޙައްދެއްކަން ފާހަގަކުރެއްވުމާއެކު ސިމާދު ވިދާޅުވީ އެކަށީގެންވާ ގޮތެއްގައި މާކެޓްކުރެވިއްޖެނަމަ، ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.
މި ޚިދުމަތް ފެށުމަށްޓަކައި، އެސްޓީއޯއިން ވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހު ވިޓޯލް ގްރޫޕްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ވިޓޯލްގެ މައިގަނޑު ދައުރަކީ އެސްޓީއޯގެ ބަންކަރުތަކަށް ތެޔޮ ފޯރުކޮށްދިނުމާއި، ބަންކަރިންގ ޚިދުމަތް އިޝްތިހާރުކުރުމެވެ. މީގެ އިތުރުން، ވިޓޯލްއިން ވަނީ އެ ކުންފުނީގެ ބަންކަރުތަކުގެ ޗާޓުގައި ދިވެހިރާއްޖެ ހިމަނާފައެވެ.
ދިވެހި ސަރުކާރުން ލަފާކުރައްވާ ގޮތުގައި، ބަންކަރިންގ ޚިދުމަތް ފެށުމަށްފަހު ފުރަތަމަ އަހަރުގެ ތެރޭގައި، މި ވިޔަފާރީގެ ސަބަބުން ގާތްގަނޑަކަށް 400 މިލިއަން އެމެރިކާ ޑޮލަރު ޤައުމުގެ އިޤްތިޞާދަށް ވަންނާނެ ކަމަށް ބެލެވެއެވެ. އުތުރުގައި ފަށާ އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތުގައި އެމްޕީއެލްއިން ރާއްޖެއަށް ގާތްކުރާ ބޯޓުފަހަރުތަކަށް މަގުދައްކައިދިނުމަށް ޕައިލެޓު ބޯޓުގެ ޚިދުމަތް ދޭނެއެވެ. އަދި ޓަގާއެކު ފެނާއި ކާބޯތަކެތި އަދި ބޯޓުތަކަށް ބޭނުންވާ އެހެނިހެން ޚިދުމަތްތަކާއި ސާމާނު ފޯރުކޮށްދިނުމަށް އެމްޕީއެލްއިން މަސައްކަތްކުރަމުންދާނެއެވެ.

