ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ހޯމް މިނިސްޓްރީން އިމިގްރޭޝަނާއެކު ހިންގާ އޮޕަރޭޝަނުގައި އެހެން އިދާރާތައް ވެސް ބައިވެރިކޮށް، އޮޕަރޭޝަން އިތުރަށް ފުޅާ ކުރަން ނިންމައިފި އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، އެމީހުން ޑީޕޯޓް ކުރަން އިމިގްރޭޝަން އާއި ފުލުހުން ހިމެނޭ ޓާސްކްފޯހަކުން މިދިޔަ ދުވަސްތަކުގައި ގިނަ ތަންތަން ބަލައި ފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ގިނަ ބިދޭސީންތަކެއް ހިފަހައްޓައި، ޑީޕޯޓްކޮށްފައިވެ އެވެ.
އިމިގްރޭޝަނުން ހިންގާ ރެއިޑްތަކުން އެންމެ ބޮޑަށް ފެންމަތިވެގެން ދިޔައީ މާލޭގައި އާންމު ފިހާރަތަކާއި ކެފޭތަކުގައި ވިއްކަން ހުންނަ ކާބޯތަކެތި ބިދޭސީން ވަރަށް މުޑުދާރު ތަންތަނުގައި ތައްޔާރުކުރަމުންދާ ކަމެވެ.
އެކަމާ ގުޅިގެން އޮޕަރޭޝަން އިތުރަށް ފުޅާކޮށް ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ އެޗްޕީއޭ އާއި އެމްއެފްޑީއޭ އަދި އިކޮނޮމިކް މިނިސްޓްރީ ޓާސްކްފޯހުގައި ހިމަނަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ އަންގަވާފަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އޮޕަރޭޝަންގެ ދަށުން ހިންގާ ރެއިޑްތަކުގައި މީގެފަހުން އެޗްޕީއޭ އާއި އެމްއެފްޑީއޭ އަދި އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލުން ބައިވެރިވެ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
އޮޕަރޭޝަން ދެން ކުރިއަށް ދާނީ ހުރިހާ އިދާރާތަކެއްގެ ބައިވެރިވުމާއެކު ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވީ އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން އަދި ރަޖިސްޓާނުކޮށް ހިންގާ ތަންތަން ބަންދުކޮށް، އެ ވިޔަފާރިތައް މަނާކުރާނެ ކަމަށެވެ. މާދަމާ އަމަލު ކުރަން ފަށާ ކާބޯތަކެތީގެ ސަލާމަތާ ބެހޭ ގާނޫނު އެމްއެފްޑީއޭ އަށް ބޮޑެތި ބާރުތައް ލިބޭނެ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

