ޕްރޮސިކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
ޝަމީމު އެމަގާމުން އިސްތިއުފާ ދެއްވުމާ އެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ބ) ގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތުތަކާ މިހާރު ހަވާލުވެވަޑިގެން ހުންނެވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދް ސަލީމެވެ.
ރައްޔިތުންގެ މަޖިލީހުން ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން ހުސެއިން ޝަމީމް ވަކި ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން މަގާމުގައި ނާޖާއިޒު ނުފޫޒު ބޭނުންކޮށް ގިނަ މައްސަލަތަކެއް އަނބުރާ ގެނެސް، އަދި ބޮޑެތި އެތައް މައްސަލައެއްގައި ދައުވާނުކޮށް ދޫކޮށްލި މައްސަލައިގައި އޭނާ މަގާމުން ވަކިކުރަން ފެންނަ ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ނިންމާފައިވާއިރު މިފަދައިން ނިންމި ސަބަބުތަކުގެ ތެރޭގައި ކުރީގެ ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު އެތައް މުވައްޒަފުންނަކަށް ޖިންސީ ގޯނާކޮށް ރޭޕް ކުރި މައްސަލައިގައި އުފުލި ދައުވާތައް އަނބުރާ ގެނައުމާއި، ރައްޔިތުންގެ މަޖިލީގެ މެންބަރެއްގެ ގޮތުގައި އަލީ ރިޒާ ހުންނަވަނިކޮށް އޭނާގެ މައްޗަށް އުފުލި މީހުން ޓްރެފިކް ކުރުމުގެ ދައުވާ އަނބުރާ ގެނައުމާއި އަދި ކުރީގެ ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ މައްޗަށް އެމްއެމްޕީއާރްސީ މައްސަލައިގައި އުފުލި ދައުވާ އަނބުރާ ގެނައުން ހިމެނެއެވެ.
ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނު އެ މަގާމުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު އެގޮތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އިން ޝަމީމު އެ މަގާމުން ވަކި ކުރުމަށް ނިންމާފައިވެއެވެ. އަދި މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްވެސް މިވަގުތު ދަނީ ކުރިއަށެވެ.

