ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ސީޝެލްގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ވަފުދެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ޒިޔާރަތްކޮށްފިއެވެ.
މިކަން ހާމަކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިކަން ހާމަކޮށް ނޫސްބަޔާނެއް ނެރެފައިވެއެވެ. މި ނޫސްބަޔާނުގައި އެމްއޭސީއެލް އިން ބުނެފައިވަނީ ވީއައިއޭ އަށް މިއަދު ސީޝެލްގެ ޓްރާންސްޕޯޓު މިނިސްޓްރީގެ ވަފުދެއް ޒިޔާރަތްކޮށްފައިވާ ކަމަށާއި އެ ވަފުދަަށް އެ ކުންފުނިން މަރުހަބާ ދަންނަވާފައިވާ ކަމަށެވެ.
މި ޒިޔާރަތުގައި ސީޝެލްސްގެ މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޓަނީ ޑެޖާކް އަދި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާއި ސީޝެލްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސް ބޭފުޅުންނާއި އެމްއޭސީއެލްގެ މެނޭޖްމަންޓުން ބައްދަލުކުރައްވާފައިވާ ކަމަށާއި މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަފްލާހު އާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު މުއާޒު ރަޝީދު ގެ އިތުރުން ދިވެހިރާއްޖެއިން ސީޝެލްއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނޮރަރީ ކޮންސުލް މުހައްމަދު ފިރާގް ބައިވެރިވެވަޑައިގަތެވެ
މި ބައްދަލުވުމަށް ފަހު އެ ވަފުދުން ވީއައިއޭ ގައި ނިމިފައި ހުރި ފެސިލިޓީތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ބޭނުން ހިފަމުންދާ ގޮތް ބަލައި އަދި ތަރައްގީ ކުރަމުން އަންނަ އައު ޓާމިނަލާއި އެއާ ގުޅޭ ގުޅޭ އެހެނިހެން މަސައްކަތްތައްވެސް ބަލާފައިވެއެވެ. އެގޮތުން އެއާޕޯޓުގައި ތަރައްގީއަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އައު ކޯޑް-އެޕް ރަންވޭ، އައު ސީޕްލޭން ޓާމިނަލް ގެ އިތުރުން އައު ފިޔުލް ފާމް ވެސް ޒިޔާރަތްކޮށް އޮޕަރޭޝަނަލައިޒްކޮށްފައި ވެއެވެ.
މިކަމާ ގުޅިގެން ސީޝެލްސްގެ ޓީމުން ބުނިގޮތުގައި އެމީހުންގެ ޒިޔާރަތުގެ އެންމެ ބޮޑު ބޭނުމަކީ ވީއައިއޭ ފަދަ މެގަޕްރޮޖެކްޓެއް ނިންމުމުގައި ރާއްޖެއިން ތަޖުރިބާކުރި ގޮންޖެހުންތައް ދެނެގަނެ ސީޝެލްއިން އެއާޕޯޓް ތަރައްގީ ކުރުމުގައި އެ ތަޖުރިބާ ބޭނުން ހިފުން ކަމަށާއި ވުމާއެކު އެ ގައުމުގެ އެއާޕޯޓު ތަރައްގީ ކުރުމުގައި އެބޭފުޅުންނަށް ހުރި ގޮންޖެހުންތަކުގެ އިތުރުން ގެންގުޅުއްވާ ވިސްނުން ހިއްސާކޮށް އެކަމުގައި އެމްއޭސީއެލްގެ ތަޖުރިބާކާރު ޓީމްތަކުގެ ލަފާ ހޯދާފައިވާ ކަމަށެވެ.
ރާއްޖެފަދަ ޖަޒީރާ ގައުމަކުން މިހާ ފުރިހަމަ އެއާޕޯޓެއް ތަރައްގީ ކުރުމުގައި ގެންގުޅޭ ވިސްނުންތަކާމެދު ހިޔާލު ބަދަލުކޮށްފައިވާ ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގައި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ތަސައްވުރާއި އެއާޕޯޓުގެ މަސައްކަތްތައް ހިިނގަމުންދިޔަ ދުވެލި ބާރު ކުރުމަށް ކުރެވެމުންދާ ކަންކަން ވެސް އެ ވަފުދާއި ހިއްސާ ކޮށްފައިވާ ކަމަށް އެމްއޭސީއެލް އިން ހާމަކުރެއެވެ.

