މެޑިކަލް އިވެކުއޭޝަންއަށް ދިވެހިރައްޔިތުންގެ ސިއްޙަތުގެ ސަލާމަތާ ރައްކާތެރިކަމަށް އިސްކަން ދެއްވައިގެން އެންމެ ފުރަތަމަ އެއާ އެމްބިއުލާންސް ތަޢާރަފް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރޭ ދައުލަތުގެ މީޑިއާ "ޕީއެސްއެމް" ގައި ސީޕްލޭން އެމްބިއުލާންސަކީ "ފްލޮޕް" ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ ރައީސްގެ ރިޔާސީ ވައުދުފުޅު ފުއްދުމަށް އިސްކަން ދެއްވިކަމަށެވެ.
އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރީ ޑޭޝް8 މަރުކާގެ ބޯޓަކާއި ސީޕްލޭންއެއް ކަމަށާއި އެއާއެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ޚިދްމަތަށް ނެރުނުފަހުން ބައެއް މަސްމަހު އެންމެ ދަތުރެއްވެސް ސީޕްލޭންގައި ކުރަން ނުޖެހޭކަން ފާހަގަކުރެވޭތީވެ އެހެންކަމުން ސީޕްލޭން ކޮމާޝަލީ ބޭނުންކުރަން ނިންމީ މެޑިކަލް އިވެކުއޭޝަންއެއް ކުރިމަތިވެ ސީޕްލޭން ބޭނުން ކުރާ ޙާލަތަށް އަޔަސް، އޭގަ ދަތި ކަމެއް ނާންނާނެ ނިޒާމެއްގެ ތެރެއިން ކަންކަން ހަމަޖައްސާފައިކަމަށެވެ.
"ޖެނުއަރީ 20ގަިއ ސަރުކާރުގެ އެސްއޯއީއެއްގެ ގޮތުގައި މޯލްޑިވިއަން އޮންނާތީވެ، ދިވެހިރައްޔިތެއްގެ މެޑިކަލް ކަމެއްގައި އެއާއެމްބިއުލާންސް ނޫނީ މެޑިކަލް ފްލައިޓެއް އޮޕަރޭޓް ކުރަންޏާ މުޅި ޝެޑިއުލްއިން އެންމެ ފުރަތަމަަ އިސްކަން ދޭން ޖެހޭނީ އެ މެޑިކަލް ފްލައިޓެއް އޮޕަރޭޓް ކުރުމަށް، އެ އެގްޒެކިއުޓިވް އޯޑަރގައި ސަރުކާރުގެ ފަރާތުން ސޮއިކޮށްފަ މޯލްޑިވިއަނަށް ފޮނުވީވެސް އަޅުގަނޑު،" އަމީން ވިދާޅުވީ ބައެއް މީޑިޔާތަކުން ސީޕްލޭން ފެއިލްވިކަމަށް ބުނެފައިވާއިރު ސަރުކާރުން މިހާ ބޮޑަށް އިސްކަން ދީފައިވާ ކަމެއްގައި އެގޮތަށް ވާހަކަ ފެތުރުމަކީ އެއްގޮތަކަށްވެސް ރަނގަޅުކަމެއް ނޫނެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށީ ޑޭޝް-8 މަރުކާގެ މަތިންދާ ބޯޓެއް އެއާ އެމްބިއުލާންސަށް ބަދަލު ކުރުމަށް ފަހު އެވެ. އެ ބޯޓުގައި އެއްފަހަރާ ދެ ބަލި މީހުން އުފުލޭއިރު، އެއާ އެމްބިއުލާންސަށް ހާއްސަކޮށް 15 މުވައްޒަފުން ވަނީ ތަމްރީނު ކޮށްފަ އެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނެ އެވެ. ސީޕްލޭން އެއާ އެމްބިއުލާންސުން 25 އަށް ވުރެ ގިނަ ދަތުރު މިހާތަނަށް ކޮށްފައިވެ އެވެ.

