މަކުނުދޫގެ އެއާޕޯޓު މަޝްރޫޢޫއާއި ގުޅޭގޮތުން ހުރިކަންކަން ބަލާ އެކަންކަމަށް ގުޅޭ މަޝްވަރާ ކުރެއްވުމަށް ޓެކްނިކަލް ޓީމުން މަކުނުދޫ ދާއިރާ މެންބަރާއި ބައްދަލު ކުރައްވައިފިއެވެ.
މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢީލް ޙަމީދު އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމުން މަކުނުދޫ ދާއިރާ މެންބަރު އާދަމް ޝަފީޤު އަދި މަކުނުދޫ ކައުންސިލްއާއި ބައްދަލުކުރެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގައެވެ.
އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ މަކުނުދޫގެ އެއާޕޯޓު މަޝްރޫޢޫއާއި ގުޅޭގޮތުންނެވެ. މަކުނުދޫ ރައްޔިތުންގެ މިމައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދެއްވުމަށް ސަރުކާރުން މަކުނުދޫގައި އެއަރޕޯޓެއް ތަރައްޤީ ކޮށްދެއްވުމަށް ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ 22 ޖޫން 2023ގައެވެ.
މިއީ 16 މިލިއަން ޑޮލަރު ހޭދަކޮށްގެން ތަރައްޤީކުރާ މަޝްރޫޢެކެވެ. މަކުނުދޫ އެއާޕޯޓް މިއަހަރު ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. މިހާރު ފެށިފައިވާ އެއާޕޯޓުގެ މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަންދޭ މަޝްރޫއެއް ކަމަށާއި އެއާޕޯޓު މަޝްރޫއު ކުރިއަށް ގެންދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. އެގޮތުން އެއާޕޯޓުގެ ރަންވޭ 1،500 މީޓަރުން 1،800 މީޓަރަށް ދިގުކޮށްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

