އިބިލީހަކީ މަލާއިކަތެއް ކަމަށް ޤަބޫލު ނުކުރުމަށް ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާ އަލިއަޅުވާލާފައިވަނީ މަލާއިކަތުންނަށް އީމާންވުމުގެ މައްޗަށެވެ. ޚުތުބާގައި ބުނެފައިވަނީ އިބިލީހަކީ މަލާއިކަތެއް ކަމަށް ޔަހޫދީން ދެކުނު ނަމަވެސް އެއީ މަލާއިކަތެއް ނޫން އެ ގޮތަށް ޤަބޫލު ނުކުރުމަށެވެ.
ޚުތުބާގައި ބުނެފައިވަނީ އިބިލީހަކީ اللَّه އަށް ނުކިޔަމަންތެރިވުމުގެ ކުރީން މަލާއިކަތުންނާ އެކީ އުޅުމުގެ ފުރުސަތު ލިބިފައިވާ އަޅުވެރި މުއުމިނު ޖިންނިއެއް ކަމަށާއި، އެހެންވެ އާދަމްގެފާނަށް ސަޖިދަކުރުމަށް މަލާއިކަތުންނަށް ކުރެވުނު އަމުރުފުޅުގައި އޭނާ ވެސް ހިމެނުނީއެވެ. ނަމަވެސް މަލާއިކަތުން އެ އަމުރުފުޅަށް ކިޔަމަންގަތް ހިނދު، އިބިލީސް ބޮޑާވެ ނުކިޔަމަންތެރިވި ކަމަށެވެ.
އެ ކަމުގެ ނަތީޖާއެއްގެ ގޮތުން اللَّهގެ ރަޙްމަތުން އޭނާ ދުރުކުރެވުނު ކަމަށާއި، އަދި އަބަދަށް ޓަކައި އޭނާއަށް ލަޢުނަތް ލެއްވުނު ކަމަށެވެ.
މަލާއިކަތުންނަކީ ވަކި ޖިންސެއްގެ މަޚްލޫޤުން ކަމުގައި ނުވިޔަސް، اللَّه ގެ އިޛުނަފުޅަށް އިންސާނުންގެ ސިފައިގައި މަލާއިކަތުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ޢަޛާބު ފޮނުއްވުމުގެ ކުރިން އެކަލޭގެފާނުގެ އަރިހަށް اللَّه تَعَالَى ފޮނުއްވެވި މަލާއިކަތުން ވަޑައިގަތީ ޒުވާން ފިރިހެނުންގެ ސިފައިގައި ކަމަށެވެ. ބައެއް މީހުންނަށް اللَّه ލަޢުނަތްލެއްވި އިބިލީހާ މެދު ކުށްހީއެއް ކުރެވުނު ކަމަށެވެ.
“އިބިލީހަކީ މަލާއިކަތެއް ކަމުގައި ހީކުރާ ހީކުރޭ. އެއީ ޖިންނީންގެ ތެރެއިންވި މުއުމިން މަލާއިކަތެއް. ސަޖިދަކުރުމަށް މަލާއިކަތުންނަށް ކުރެވުނު އަމުރުފުޅުގައި އޭނާ ނުހިމެނުނު. މަލާއިކަތުން އެ އަމުރުފުޅަށް ކިޔަމަންގަތް ހިނދު، އިބިލީސް ބޮޑާވެ ނުކިޔަމަންތެރިވި” ޚުތުބާ
މަލާއިކަތުންނަކީ ފިރިހެން ނުވަތަ އަންހެން ޖިންސަށް ނިސްބަތްވާ ބަޔެއް ނޫން ކަމަށާއި، ކާފިރުވީ މީހުންގެ ތެރޭގައި މަލާއިކަތުންނާ މެދު ނުބައި ޤަބޫލުކުރުންތަކެއް ފެތުރިފައިވާ ކަމަށެވެ އޭގެތެރޭގައި މަލާއިކަތުންނަކީ އަންހެން ޖިންސުގެ ބައެއް ކަމުގައި ޤަބޫލުކުރުން ހިމެނޭ ކަމަށެވެ. އަދި އެއީ اللَّهގެ އަންހެންދަރީންކަމުގައި ވެސް ޔަހޫދީންނާއި މުޝްރިކުން ބުނާ ކަމަށެވެ.
މަލާއިކަތުންނާ މެދު އެ ގޮތަށް ޤަބޫލުކުރާ މީހުންނަކީ އާޚިރަތްދުވަހަށް އީމާންނުވާ މީހުން ކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއް ކަމަށާއި، އެއީ اللَّه تَعَالَى މާތްކުރައްވައިފައިވާ މަޚްލޫޤުންތަކެއް ކަމަށެވެ.

