ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ނަން ބޭނުންކޮށްގެން “ސްކޭމް” ކޯސްތަކެއް އިޝްތިހާރު ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ޔުނިވާސިޓީން އެދިއްޖެ އެވެ.
އެމްއެންޔޫގެ ރަސްމީ “އެކްސް” އެކައުންޓުން ބުރާސްފަތި ދުވަހުގެ ރޭ ކުރި ޕޯސްޓެއްގައި ވަނީ އެ ޔުނިވާސިޓީން ކުރިއަށް ގެންދާ ކޯސްތަކެއް ކަމަށް ބުނެ ސައްހަ ނޫން މައުލޫމާތު ދައުރުވަމުންދާ ކަން ފާހަގަކޮށްފައެވެ. މިކަމަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.
އެމްއެންޔޫއިން ބުނެފައިވާ ގޮތުގައި، އެ ޔުނިވާސިޓީން ކުރިއަށް ގެންދާ ހުރިހާ ކޯސްތަކެއްގެ މަޢުލޫމާތު ރަސްމީ ވެބްސައިޓުގައި ޝާއިޢުކޮށްފައި ހުންނާނެއެވެ. އަދި މި ކޯސްތަކަށް ކުރިމަތިލެވޭނީ ވެބްސައިޓުގައި އެކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށްކަން ފާހަގަކޮށްފައިވެއެވެ.
އެއްވެސް ކޯހެއްގައި ބައިވެރިވުމުގެ ކުރިން، އެ ކޯހަކީ އެމްއެންޔޫއިން ހިންގާ ސައްހަ ކޯހެއްކަން ކަށަވަރުކުރުމަށް ވަނީ އެދިފައެވެ. އަދި ކޯސްތަކާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ސީދާ ޔުނިވާސިޓީއާ ގުޅައިގެން ސާފުކުރުމަށް ވެސް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.
މި އިންޒާރު ދީފައިވަނީ، އެމްއެންޔޫގެ ނަމުގައި ހިންގާ ސްކޭމް ކޯސްތަކުގެ ސަބަބުން ދަރިވަރުންނަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށާއި، ޔުނިވާސިޓީގެ ނަމަށް ލިބިދާނެ އުނިކަމަކުން ސަލާމަތްވުމަށް ކަމަށް ބެލެވެއެވެ.

