5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން 4 ލައްކަ ގަސް އިންދާފައިވާ ކަމަށް ކްލައިމެޓް ޗޭންޖް، އެންވައިރޮމެންޓް އެންޑް އެނާޖީ މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ފުވައްމުލަކު ސިޓީގައި 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު ދައުލަތުގެ މީޑިޔާ ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް އެންމެ ފުޅާ ދާއިރާއެއްގައި ފެށިގެން މިދިޔައީ ފުވައްމުލަކު ސިޓީގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ފުވައްމުލަކު ސިޓީ ކައުންސިލާއި އެހެނިހެން މުއައްސަސާތަކުން 1 ލައްކައަށްވުރެ ގިނަ ގަސް އިންދުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށާއި ފުވައްމުލަކަކީ ފެހިކަން ގަދަ ރަށެއްކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ފުވައްމުލަކު ރައްޔިތުންގެ އެދުމަކީ މި ފެހިކަން ދެމެހެއްޓުން ކަމަށެވެ.
އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ތިމާވެށްޓާ ގުޅޭގޮތުން ބަލާއިރުވެސް ފުވައްމުލަކު ސިޓީއަކީ ޚާއްޞަ މުހިންމުކަމެއް ލިބިގެންވާ ރަށެއްކަން ފާހަގަކުރައްވައި ވިދާޅުވީ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 4 ލައްކަ ގަސް އިންދިފައިވާ ކަމަށާއި 5 މިލިޔަން ގަސް އިންދުމުގެ މި ޕްރޮގްރާމަކީ ހާސިލް ކުރެވޭނެ ލަނޑުދަނޑިއެއް ކަމަށާއި 5 މިލިޔަން ގަސް އިންދުމުގެ މި ޕްރޮގްރާމަކީ ހާސިލް ކުރެވޭނެ ލަނޑުދަނޑިއެއް ކަމަށެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މި ޕްރޮގްރާމް އަކީ ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނެ ޕްރޮގްރާމެއް ކަމަށާއި އަދި ކުރިއަށް އޮތް 5 އަހަރު ތެރޭގައި ފުވައްމުލަކުގައި ރަށަށް ބޭނުންވާ އަދި މަދުވެފައިވާ ގަސްތައް އާލާކޮށް، މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

