މާލެސިޓީ މަގެއްގެ މަތީ މީހަކަށް ވަޅިން ބިރުދައްކައި ފޯނު ފޭރުނު އަންހެން މީހާއަށް ކުރިމިނަލް ކޯޓުގެ މުއްދަތު ކޮމިޓީން ބަންދުގެ މުއްދަތަށް 10 ދުވަސް އިތުރުކޮށްފިއެވެ.
މި މައްސަލައިގާ ބަންދު ކޮށްފައިވަނީ ގދ. ވާދޫ، ބުރުނިއާގެ ޝާނާ މުޙައްމަދު ޖުނައިދު (26އ) އެވެ.
ޝާނާ ބަންދު ކޮށްފައިވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ފޭރުނު މައްސަލައިގެ ތަހުގީގަށެވެ. އޭނާ ކޯޓުގައި ވަނީ އެ ކުށަށް އިންކާރު ކޮށްފަ އެވެ.
ބަންދުކުރަން ނެރުނު އަމުރުގައި ބުނެފައިވަނީ ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓުގައިވާ ހެކިތަކަށް ކޯޓުން ވަނީ ރިއާޔަތް ކޮށްފަ އެވެ.
ކޯޓުއަމުރުގައި ބުނީ ބަންދުގައި އޭނާ ބަހައްޓަން ޖެހޭ ކަމަށާއި ސަބަބަކީ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ދިމާވެދާނެތީ ކަމަށެވެ.
ފުލުހުން ބުނީ ޝާނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މާލޭ މަގުމަތިން ކަމަށެވެ.

