ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރު ކަމުން ޒީނާ ޒާހިރު، އިސްތިއުފާދެއްވައިފިއެވެ.
ޕީއެސްއެމްގެ އެމްޑީ ކަމުގެ މަގާމުން އިސްތިއުފާ ދެއްވިކަން ހުވަދޫ މީޑިއާ އަށް ކަށަވަރުކޮށްދެއްވަމުން ޒީނާ ވިދާޅުވީ މިއަދު ހަވީރު އިސްތިއުފާގެ ސިޓީ ހަވާލުކުރައްވާފައިވާ ކަމަށެވެ. އެހެންނަމަވެސް ސީދާ ވަކި ސަބަބެއް ޒީނާ ހާމަކުރައްވާފައެއް ނުވެއެވެ.
މި ނިމުނު 2023 ވަނައަހަރުގެ ނޮވެމްބަރު މަހު ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމަށް ޒީނާ ޒާހިރު އައްޔަނު ކުރައްވާފައި ވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޒީނާ ވަނީ ޕީއެސްއެމްގައި ހުރި ބޮޑެތި މައްސަލަތަކުގެ ތެރެއިން ހާއްސަކޮށް ދައުލަތުގެ މީޑިޔާއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމަކާއި އިސްކަމެއް ދެއްވައި ބައްލަވާފައެވެ. ޕީއެސްއެމުން އެކި ފަރާތްތަކަށް ދަރާފައިވާ ދަރަނީގެ އަދަދު އުޅެނީ 260 މިލިއަން ރުފިޔާއަށްވުރެ މަތީގައެވެ.
ޕީއެސްއެމް ގެ ދަރަނި ނުހަނު ބޮޑުއިރު ކުންފުންޏާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު ފައިސާ ނުލިބިގެން ޕީއެސްއެމަށް ވަދެ ހަޅުތާލު ހެދުމާއެކު އެމްޑީ ޒީނާއަށް އިންޒާރު ދިން މައްސަަލައެއް ފެންމަތިވެ ފުލުހަށް މައްސަލަ ހުށަހަޅާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ނޫސްވެރިކަމަށް ނިކުންނަވާފައިވަނީ 2006 ވަނަ އަހަރު ނުކުންނެވި، ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަންވެސް ކޮށްފައިވާ، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވައިގެން އިންނެވި ޒީނާ ޒާހިރަކީ ރާއްޖޭގައި މިހާރު އެންމެ ނަންހިނގާ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ އޮންލައިން މަޖައްލާނޫސް “ޒީ ޓައިމްސް”ގެ ބާނީ އަދި އެ ނޫހުގެ އޯލްއިންވަން ލިޔުންތެރިޔާވެސްމެއެވެ.

