ރާއްޖޭގައި ފުޅާ ދާއިރާގައި ސެލޫން ހިންގަމުންއައި ރަޖަނީ ޝްރެސްތާ އިމިގްރޭޝަން ގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަން އިން އެކްސްގައި ކުރި ޕޯސްޓެއް ގައި ބުނެފައިވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި ފަރާތެއް ކަމުގައިވާ "ރަޖަނީ ޝްރެސްތާ" އާންމު ނަމުންނަމަ ރިޒް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މީނާ އާއި ގުޅިގެން އިިންސްޕެކްޝަންއެއް ކުރިއަށް ގެންގޮސްފައިވަނީ އިމިގްރޭޝަން ވޮޗް އަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން ކަމަށާއި މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 11 ވަނަދުވަހު ކަމަށް އިމިގްރޭޝަން އިން ބުނެފައިވެއެވެ.
މި އިންސްޕެކްޝަނުން މި ބިދޭސީފަރާތަކީ އޭނައަށް ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިއަ ފަރާތެއްކަން އެނގިފައިވާ ކަމަށާއި މި ބިދޭސީފަރާތާއި އޭނާގެ 04 ބިދޭސީ މުވައްޒަފުންވެސް އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ. އަދި މި މީހުން ގެ ސައްހަ ވިސާއެއް ނެތް ކަމަށާއި ވުމާއެކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް ރާއްޖެއަށް އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓު ކޮށްފައިވެއެވެ. މި މީހުން ޑީޕޯޓު ކޮށްފައިވަނީ މި ހިނގާ އޮގަސްޓު 13 ވަނަ ދުވަހު ކަމަށް ވެސް ބުނެފައިވެއެވެ.
ރާއްޖޭގައި ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި 175 އަށް ވުރެ ގިނަ ބިދޭސީން އިމިގްރޭޝަން ގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. މި އޮޕަރޭޝަން ތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާ އެއްވެސް ބިދޭސީއަކަށް ދެވަނަ ފުރުސަތެއް ނުދޭނެ ކަމަށާއި ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން މި މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

