ގަވާއިދާ ހިލާފަށް ބިއުޓީ ސެލޫން ހިންގަމުން އައި އިތުރު މީހަކު މޯލްޑިވްސް އިމިގްރޭޝަނުން ޑީޕޯޓު ކޮށްފިއެވެ.
މިކަން ހާމަކޮށް މޯލްޑިވްސް އިމިގްރޭޝަން އިން އެކްސްގައި ޕޯސްޓެއް ކޮށްފައިވާއިރު އެ ޕޯސްޓުގައި އިމިގްރޭޝަނުން ބުނެފައިވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި ފަރާތެއް ކަމުގައިވާ އުމުރުން 28 އަހަރުގެ "ސުޝްމިތާ ދައުގޮދާ" އާންމު ނަމުންނަމަ ސުޒޫ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މީނާ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އަންނަ ކަމަށް އިމިގްރޭޝަން ވޮޗް އަށް މައުލޫމާތު ލިބުމާ ގުޅިގެން ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަން އިން ހާމަކުރެއެވެ. މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ އޮގަސްޓު 18 ވަނަ ދުވަހު ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ
މި އިންސްޕެކްޝަނުން މި ބިދޭސީފަރާތަކީ އޭނައަށް ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން އައި ފަރާތެއް ކަން އެނގިފައި ވާތީ އޭނާ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް، 2024 އޮގަސްޓު 20 ވަނަ ދުވަހު ޑީޕޯޓު ކޮށްފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ބިއުޓީ ސެލޫންގެ ވިޔަފާރި ކުރިއަށް ގެންދާ މައްސަލައެއްގައި ގިނަ ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ "ރަޖަނީ ޝްރެސްތާ" އާންމު ނަމުންނަމަ ރިޒް ވެސް ވަނީ މި ފަހުން ޑީޕޯޓު ކޮށްލާފައެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާއިރު މި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި އޮޕަރޭޝަން ތަކުގައި އިމިގްރޭޝަން ގެ ބެލުމުގެ ދަށަށް ގެންދާ އެއްވެސް ބިދޭސީ އަކަށް ދެވަނަ ފުރުސަތެއް ނުދޭނެއެވެ.

