ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު މުއާމަލާތްތައް ވަގުތީގޮތުން މެދުކަނޑާލީ ބޭންކަށް ޑޮލަރު ނުލިބޭތީ ކަމަށާއި ނުލިބޭ އެއްޗެއް ދެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި އެހެންވިޔަސް ނޮވެމްބަރުން ފަށައިގެން ޑޮލަރުގެ ރިޒާވް ރަނގަޅުވާނެކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަކަށް އެ ބޭންކުން ބަދަލު ގެނައުމާ ގުޅިގެން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި އަޒާން ވިދާޅުވީ މިކަމުގެ ދަތިކަން އެތައް ބަޔަކަށް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މި ނޫން އޮޕްޝަނެއް އޮތްނަމަ ބޭންކުގެ މައި ހިއްސާދާރު ކަމަށްވާ ސަރުކާރުން މިކަން މިގޮތަށް ނުކުރާނެކަން ކަމަށެވެ.
"ބޭންކަށް ޑޮލަރު ގަންނަނީ މަރުކަޒީ ބޭންކުން. މަރުކަޒީ ބޭންކަށް ލިބޭ ޑޮލަރުުން ކުރަންޖެހޭ ކަންކަން. 1. ބޭރުގެ ދަރަނި ދެއްކުން 2. ރާއްޖެއަށް ބޭނުންވާ ތެޔޮގަތުން 3. ބޭންކުތަކަށް ޑޮލަރު ދޫކުރުން. އޯގަސްޓު/ސެޕްޓެމްބަރު މަހަކީ ރެކޯޑު އަދަދަކަށް ބޭރުގެ ދަރަނި އަދާކުރަންޖެހޭ ދެ މަސް." އަޒާން ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ ޑޮލަރުގެ ތާށިކަން ބޮޑުވި އެއް ސަބަބަކީ އެއީ ކަމަށެވެ. އަދި ލިމިޓެޑް އަދަދަކަށް ރިޒާވްގައި ޑޮލަރުހުރި އިރު، އެންމެ ބޮޑު އިސްކަމެއް ދެނީ ދަރަނި އަދާކުރުމަށާ ތެލަށް ފައިސާ ދެއްކުމަށް ކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރާއްޖެއަށް ބޭނުންވާ އަސާސީ އެހެނިހެން ތަކެތި އެތެރެކުރުމަށް ވިޔަފާރިތަކަށް ޑޮލަރު ދޫކުރަނީ ވެސް ބޭންކުތަކުން ކަމަށާ ޑޮލަރުގެ ތާށިކަން މިހާ ބޮޑުއިރު މިހާރު ޑޮލަރު ބޭނުން ކުރަންޖެހޭނީ އެންމެ މުހިންމު ކަންތައްތަކަށް އިސްކަންދީގެން ކަމަށެވެ.
މި އަހަރުގެ ނޮވެމްބަރުން ފަށައިގެން ޑޮލަރުގެ ރިޒާވް ރަނގަޅުވާން ފަށާނެ ކަމަށަ އުއްމީދު ކުރާ ކަމަށް ވިދާޅުވެ އަޒާން ވަނީ މިހާލަތުން އަރައިގަނެ ޑޮލަރު މުއާމަލާތް ސަސްޕެންޑު ކުރެވިފައި އޮތް އޮތުން ނިމުމަކަށް އަންނާނެކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވެފައެވެ.

