ޗައިނާގެ ޔުނިވާސިޓީއެއްގައި ފުރަތަމަ ފަހަރަށް ދިވެހި ބަހުގެ ކޯހެއް ތައާރަފްކޮށްފިއެވެ.
މިކޯސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު ސޮބާހު ރަޝީދު ވިދާޅުވީ ބެއިޖީންގެ ފޮރިން ސްޓަޑީޒް ޔުނިވާސިޓީ (ބީއެފްއެސްޔޫ) ގައި ފެށިގެން މިދިޔަ ކޯހުގެ ސަބަބުން ރާއްޖެއާއި ޗައިނާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.
މިހަފުލާގައި އެޔުނިވަރސިޓީގެ އިސް ބޭފުޅުންނާއި ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.
ބީއެފްއެސްޔޫގެ ސްޓޭންޑިން ކޮމިޓީގެ މެންބަރު ޒައު ގެންގް ވަނީ ރާއްޖޭގެ ތާރީޚާއި ސަޤާފަތަށް ތައުރީފްކޮށްފައެވެ. އަދި ކުރިޔަށް އޮތް ޗައިނާގެ ޖީލަށް ރާއްޖޭގެ ސަޤާފަތް ދަސްކޮށްދޭން ބޭނުންވާ ކަމަށާއި މިކޯހުގެ ސަބަބުން ޗައިނާގެ ކުދިންނަށްވެސް ފައިދާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ ބޭރު ޤައުމެއްގައި ދިވެހި ބަހުން ކިޔަވައިދޭ ފުރަތަމަށް ފަހަރަށް ވުމާއެކު މިކަން ވެގެންދާނީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރަކަށެވެ.

