ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ފުރަން ދިޔަ ބިދޭސީއަކު ބޭރު ކުރަން އުޅުނު 81،000އަށް ވުރެ ގިނަ ޑޮލަރު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު ހިފަހައްޓައިފި އެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި މި ފައިސާ ހިފަހައްޓާފައިވަނީ ބަންގުލާ އެއާލައިނުން ދަތުރު ކުރަން ދިޔަ މީހާގެ ލަގެޖުންނެވެ. އޭނާ މި ފައިސާ ބޭރު ކުރަން މަސައްކަތްކޮށްފައިވަނީ ކޯންފްލެކްސް ފޮއްޓަކަށް އަޅައިގެންނެވެ. ޑޮލަރުތައް ހުރީ ކޯންފްލެކްސް ޕެކެޓް ތެރޭ އޮންނަ ފޮއިލް ޕެކެޓަށް އަޅައި ބަންދުކޮށްފައެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ޝާއިޢުކުރި ވީޑިއޯއިން އިވޭގޮތުގައި، އޭނާއަށް މި ފައިސާ ދިނީ "ޗަންޕާ ގެސްޓް ހައުސްގައި ހުރި މީހެއް" ކަމަށް އޭނާ ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރު ތަޙްޤީޤުތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ. ރާއްޖެއިން ބޭރަށް ބޮޑު އަދަދެއްގެ ފައިސާ ގެންދިއުމަކީ ޤާނޫނާ ޚިލާފު ކަމެކެވެ.

