ބީއެމްއެލްގެ ކާޑު ލިމިޓަށް މިއަދު ހެނދުނު ގެނައި ބަދަލުތައް އުވާލައި، ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރެވޭ ގޮތަށް އަލުން ހަދައިފިއެވެ.
ބީއެމްއެލުން ދެންމެ ބުނީ ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓުތަކަށް ގެނެވުނު ބަދަލުތައް ބޭންކުގެ ރެގިއުލޭޓަރު، މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ އިރުޝާދުގެ ދަށުން ބަލައި، އެ ނިންމުންތައް އަނބުރާ ގެނެސްފައިވާ ކަމަށެވެ.
ބީއެމްއެލުން “އެކްސްގައި” ކުރި ޕޯސްޓެއްގައި ބުނީ އެ ބަދަލު ގެންނަން ނިންމީ ބޭންކު ތަކުގެ ބެލެނިވެރިފަރާތް، އެމްއެމްއޭގެ އިރުޝާދުގެ ދަށުން ކަމަށެވެ.
“25 އޯގަސްޓު 2024 ގައި އިއުލާނު ކުރި ރާއްޖެއިން ބޭރުގެ މުއާމަލާތު ކުރެވޭ ލިމިޓުތަކަށް ގެނެވުނު ބަދަލުތައް ބޭންކުގެ ރެގިއުލޭޓަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބަލައި މިހާރު ވަނީ އަނބުރާ ގެނެވިފަ އެވެ.” ބީއެމްއެލްގެ ޕޯސްޓުގައިވެއެވެ.
ބީއެމްއެލުން މިއަދު ހެނދުނު ގެނައި އެ ބަދަލާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވެފައިވަނީ، ބީއެމްއެލް އަށް ވިއްކޭނީ އެ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ ކަމަށާއި މި އަހަރުގެ ތެރޭ ކަސްޓަމަރުން އަތުން ބޭންކަށް ގަންނަން ލިބުނީ ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު ކަމަށެވެ.
ބީއެމްއެލްގެ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް މިއަދު ނިންމި ކުއްލި ނިންމުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ބޭންކަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

