މާދަމާރޭ އޮލިމްޕަހުގެ ސްކްރީނަށް އަންނަ ފިލްމު ބްކް ސްޓޭޓްގައި ޝާނީޒް ބުނެފައިވަނީ މިއީ ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށްވީތީ ލިބޭ އަނިޔާ އާއި ދެކޮޅަށް ތެދުވުމަށް މުޅި މުޖުތަމައަށް ދެވޭ ވޭކް-އަޕް ކޯލެއް ކަމަށެވެ.
ފިލްމް ރިލީޒްކުރުމަށް ކުޑަތަން ވެފައިވާއިރު، މި ފިލްމާއި ދޭތެރޭ ޢާންމުންގެ ތަރުޙީބް ވަރަށް ބޮޑެވެ. އަދި ފިލްމްގެ ޓިކެޓް ވިއްކަން ފެށިފަހުން ފިލްމަށް އޮތް ޑިމާންޑް ބޮޑުވެ، ކޮންމެ ހަފްތާ ބަންދެއްގައި ދަންވަރު ޝޯތަކެއް އެޅުވުމަށްވެސް އެ ސްޓޫޑިއޯ އިން ވަނީ ނިންމާފައެވެ.
އެގޮތުން 27 އޯގަސްޓް އިން ފެށިގެން 14 ސެޕްޓެމްބަރާއި ހަމަޔަށް ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ 20:30 ގެ ޝޯވގެ އިތުރުން 23:30 ގައި ފިލްމްގެ ޝޯވ ތައް ކުރިއަށްދާނެއެވެ.
ދިވެހި ފިލްމް ކަމަނާ އަކީ ދިވެހިރާއްޖޭގައި ޢާންމުވެފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެއް ކަމުގައިވާ ގެވެށި އަނިޔާ ކުރުމާއި ދެކޮޅަށް މުޖުތަމަޢު ހޭލުންތެރިކުރުމުގެ ގޮތުން ހަގީގީ ޙާދިސާ އަކަށް ސެޓަރން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. ފިލްމްގެ ޑައިރެކްޓަރަކީ ސަޒާ، ދިލަކަނި ފަދަ ފިލްމްތައް ބެލުންތެރިންނާއި ހަމަޔަށް ގެނެސްފީފައިވާ ޒުވާން ޑައިރެކްޓަރ ޙުސައިން މުނައްވަރު އެވެ.
ހއ.މޮޅަދޫގައި މަންޒަރުތައް ނަގާފައިވާ މި ފިލްމްގެ ލީޑް ތަރީންގެ ތެރޭގައި މަރްޔަމް ޢައްޒަ އާއި ޔޫސުފް ޝަފީޤްގެ އިތުރުން އާމިނަތު ރަޝްފާ (އާޝާ) ހިމެނެވެ. މީގެ އިތުރުން ނަތާޝާ ޖަލީލް އާއި މުޙައްމަދު މަނިކު އާއި ދަރާ މުޙައްމަދު ރަޝީދު ފިލްމްގެ މުހިންމު ރޯލްތަކުން ފެނިގެންދާނެއެވެ.

