ބޭރުފައިސާ ލިބުމުގެ ދަތިކަމަށް ހައްލުހޯދުމަށާއި ރާއްޖޭގެ އިގުތިސާދު އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފިނޭސް ޑޮކްޓަރ މުޙައްމަދު ޝަފީޤާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު އަދި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ގެންނަވާނެ މުހިންމު ބަދަލުތަކާމެދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އެމަޖިލީހުގެ މެންބަރުންނާ މަޝްވަރާކުރައްވާފައެވެ.
އެޓާނީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ވެސް ހިމެނޭކަމަށާއި ޕެންޝަނާ ބެހޭ ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކާއި އިންކަމް ޓެކްސް ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކާއި މީރާގެ ތެރެއިން ގެންނަ އިސްލާހީ ބަދަލުތައް ހިމެނޭކަން ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިހާރުން މިހާރަށް ގެންނަވަން ވިސްނަވާ ބަދަލުތަކުގެ ތެރޭގައި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާއިރު ޑޮލަރުން ދައްކާގޮތަށް ހަމަޖެއްސުމާއި ޑޮލަރުން މުސާރަދޭ ފަރާތްތަކުން ޕެންޝަނަށް ދައްކާ ފައިސާއަކީ ވެސް ޑޮލަރުން ދައްކަންޖެހޭ ފައިސާގެ ގޮތަށް ހަމަޖެއްސުމާ އަދި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން، ކަސްޓަމްސް ޑިއުޓީ ދައްކާއިރުވެސް ޑޮލަރުން އެފައިސާ ދައްކަންޖެހޭގޮތަށް ހަމަޖެއްސުމަށް ގެންނަންޖެހޭ ބަދަލުތައް ހިމެނޭކަން އެޓާނީ ޖެނެރަލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެކަންކަމުގެ ތަފްޞީލުތައް ކުރިޔަށް އޮތް ހަފުތާއެއް ނުވަތަ ދެހަފުތާއެއްގެ ތެރޭގައި ލިބިގެންދާނެކަމުގައި އެޓާނީ ޖެނެރަލް ވިދާޅުވިއެވެ.
މީގެ އިތުރުން ބޭރުފައިސާ ލިބުމުގެ ދަތިކަމަށް ޙައްލު ހޯދުމުގައި ބޭންކް އޮފް މޯލްޑިވްސްއަށް ބޭނުންވާކަންކަމަށް ގެނެވެންހުރި ހައްލުތަކާމެދު މަރުކަޒީ ބޭންކު، އެމް.އެމް.އޭއާ އެކުވެސް މަސައްކަތްތަކެއް ކުރަމުންދާކަން މި ބައްދަލުކުރެއްވުމުގައި ވަޒީރުން ފާހަގަކުރެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރުން ވަނީ ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކޮށް ފުޅާކުރުމަށް މިހާރު އަޅަމުންދާ ފިޔަވަޅުތަކާއި އަދި ކުރިޔަށް އޮތް ތަނުގައި ފެށުމަށް ތައްޔާރުވަމުންދާ އިޤްތިޞާދީ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ހަމަ އެހެންމެ އެބޭފުޅުން ވަނީ ކޮންމެ އަހަރެއްގެ މި ދުވަސްވަރަކީ ބޭރުފައިސާގެ ފްލޯއަށް ހީނަރުކަމެއް އަންނަ ދުވަސްވަރެއްކަން ފާހަގަކުރައްވައި މިއަހަރު ނިމޭއިރު އިގުތިސާދީ ގޮތުން ހުރި ދަތިތައް ހައްލުވެ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ވެސް ކުރިއެރުން ހޯދާނެކަން ފާހަގަކުރައްވާފައެވެ.

