މާމަކާފަ ދުވަސް ފާހަގަކުރަން ފެށިފައިވާ މައިގަނޑު ސަބަބަކީ މާމަކާފައިން ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތްތަކުގެ އަގުވަޒަންކުރުމާއި ދަރިންނާއި މާމަ ކާފަ ދަރިންނާއި އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ސީނިއަރ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ ފާތުމަތު މިޒުފާ ވިދާޅުވެއްޖެއެވެ.
މިޒުފާ މިހެން ވިދާޅުވީ ރާއްޖެޓީވީގެ “ފަސްކާފު” ޕްރޮގްރާމަށް މަޢުލޫމާތު ދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. އެވާހަކަފުޅުގައު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ފާހަގަކުރާ މާމާ ކާފަ ދުވަހުގެ މުހިންމުކަމާއި ގުޅޭގޮތުން އެ ވުޒާރާގެ އެލްޑާލީ ސެކްޝަނުން މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށްފިއެވެ.
މީގެ އިތުރުން، އެމީހުނަނަށް ކަމޭހިތުމާއި އެމީހުންނަށް އަޅާލައި، އޯގާތެރިކަމާއެކު އެމީހުންނާމެދު ޢަމަލުކުރުމަށް މުޖުތަމައު އަހުލުވެރިކުރުމަކީ ވެސް މިދުވަސް ފާހަގަ ކުރުމަށް ނިންމުނު އެއް ސަބަބުކަމުގައި މިޒުފާ ފާހަގަކުރެއްވިއެވެ.
މީގެ 4 އަހަރު ކުރިން ސެޕްޓެމްބަރ މަހުގެ 1 ގައި ފާހަގަކުރަން ފެށި މާމަކާފަ ދުވަސް ފާޙަގަ ކުރުމުގެ ގޮތުން ޢާއިލާގެ ފެންވަރުގައި މާމަ، ކާފަ އާއެކު އުފާވެރި ވަގުތުކޮޅެއް ހޯދައިދީ، މާމަ، ކާފަ އާއި ދަރިން އަދި އާއިލާގެ މެދުގައި އޮންނަ ގުޅުން ރަނގަޅު ކުރުމާއި، މާމަ، ކާފައަށް ރައްކާތެރި މާހައުލެއް ތަނަވަސް ކޮށްދީ، ޅަ ކުދިންނާއި، ޒުވާނުން މާމަ، ކާފައިންނަށް އިޙްތިރާމްކުރުމާއި އަޅާލާ މިންވަރު އިތުރުކުރުމަކީ ކުރެވިދާނެ މުހިންމު ކަންކަމުގެ ގޮތުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ސޯޝަލް ސަރވިސަސް ކޯޑިނޭޓަރ ޢާއިޝަތު ޝޫޒާ ވެސް ވަނީ ވިދާޅުވެފަ އެވެ.
މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާ އެކު އަދި ޓެކްނޮލޮޖީއަށް އައި ކުރިއެރުންތަކާއެކު އާއިލާތެރޭގައި އުޅުނު ނަމަވެސް ބައެއް ފަހަރު، އާއިލާތަކުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދޭންވާ ސަމާލުކަން ނުދެވޭ ފަހަރު އަންނަ ކަމަށާއި، އަދި އެ ފަރާތްތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭ މިންވަރު މަދުވާތަން އަންނަކަމަށް މިޒުފާ ވިދާޅުވިއެވެ.
މާމަ ކާފަ ދުވަހަކީ މިފަދަ ކަންކަން ބަދަލުކޮށްލާ، އެމީހުންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ހުސްކުރާ ދުވަހަކަށް ހަދާ އެފަދަ އާދަތައް ދެމެހެއްޓުމަށް މަސައްކަތްކުރަން ޖެހޭކަމަށް މިޒުފާ ވިދާޅުވިއެވެ.

