ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އެއްގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޕީޖީގެ މަގާމަށް މީހަކު ހޯދުމަށް އިއުލާން ކޮށްފަވަނީ އެމަގާމުގައި ހުންނެވި ހުސައިން ޝަމީމު ވަކިކުރެއްވުމަށް މަޖިލީހުން ނިންމާފައިވަނިކޮށް، މިދިޔަ ބުރާސްފަތިދުވަހު އޭނާ އިސްތިއުފާދެއްވުމުންނެވެ.
ރައީސް އޮފީހުން ބުނީ މިއަދުން ފެށިގެން 11 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ޕީޖީގެ މަގާމަށް އައްޔަންކުރާ މީހެއްގެ ޝަރުތުތައް:
- މުސްލިމަކު ކަމުގައިވުން
- ދިވެހި ރައްޔިތަކު ކަމުގައިވުން
- އުމުރުން 25 އަހަރު ވެފައިވުން
- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
- ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން
- ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭ ވަރުގެ ތަޢުލީމާއި ޤާބިލުކަންހުރި މީހަކު ކަމުގައިވުން. މިގޮތުން ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ލިބިފައިވުމާއި، ޝަރުޢީ ނުވަތަ ޤާނޫނީ ދާއިރާގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 4 (ހަތަރެއް) އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން
- ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން
- ޝަރުޢީ ނުވަތަ ޤާނޫނީ ދާއިރާއާ ގުޅުންހުރި މަސައްކަތެއްކުރާ ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ މިނޫންވެސް މިފަދަ ތަނެއްގައި ޙިއްޞާއެއް ނުވަތަ މަޤާމެއް އޮތް މީހަކު ކަމުގައި ނުވުން
- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.
ޝަމީމުގެ މައްޗަށް އެކިކަންކަމުގަ ބޮޑެތި ތުހުމަތުތަކެއްކޮށް މަގާމުން ވަކިކުރުމުގެ މައްސަލަ މިމަހުގެ 13 ވަނަ ދުވަހު އެންމެ ފުރަތަމަ ހުށަހެޅީ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމަކަށެވެ. ޕްރޮސިކިއުޓަރު ޖެނެރަލްގެ މަގާމަށް ޝަމީމު އައްޔަންކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ 2019 ވަނަ އަހަރުއެވެ.

