ކާވެނީގެ ޚުޠުބާގައި ބަޔާންކުރާ އެންމެ މުހިންމު ވާހަކައަކީ އަންނަނިވި އިބާރާތެވެ. “އިސްލާމްދީނުގައި ކާވެންޏަކީ، ދެ ޖިންސުގެ ދެ މީހުންގެ ދިރިއުޅުން ގުޅައިލާ އެއް ދިރިއުޅުމަކަށް ވާ ގޮތުގައި ބަނދެލާ ބަނދެލުމެކެވެ. ކާވެނިވުމަށް ފަހު ދެމަފިރިންގެ ދިރިއުޅުން އޮންނާނީ އެއް ދިރިއުޅުމަކަށްވެފައެވެ.”
މިއީ އަޅުގަނޑުމެންގެ ތެރޭ ކާވެނިކޮށްފައި ތިބި ކޮންމެ ދެމަފިރިއަކަށް ލިބިފައި އޮންނާނޭ ނަސޭހަތެއް ކަން ޔަޤީނެވެ. އިއްޔެ ކާވެނިކުރި ދެމަފިރިންނަށާއި މާދަމާ ކާވެނި ކުރާނޭހައި ބަޔަކަށް ވެސް ދޭނޭ ނަސޭހަތެވެ.
މި ނަސޭހަތުގައި ބުނެދެނީ ކާވެނީގެ ދަތުރަކީ ދެމަފިރިން އެކުގައި ކުރާ ދަތުރެއްކަމެވެ. އެކަކަށް ވޭނާތުރާ ދީފައި އަނެކާ އުފަލުގައި އުޅުމެއް ނޫނެވެ. އެކަކުގެ އުފަލަށް ޓަކައި އަނެކަކު ޤުރުބާންކުރުމެއް ވެސް ނުމެނޫންމެއެވެ. ދިރިއުޅުމުގެ އުފަލާ ހިތާމަ ލިބިގަންނާނީ ދެމަފިރިން އެކީ އެކުގައެވެ. މި ކަން ވެސް ޚުޠުބާގައި އޮންނަނީ ބުނެދެއްވައިފައެވެ. އެ އިބާރާތަކީ “ދިރިއުޅުމުގައި އެކަކަށް ލިބޭ އުފަލަކީ އަނެކަކަށް ވެސް ލިބޭ އުފަލެކެވެ. އެކަކަށް ލިބޭ ހިތާމައާއި ވޭނަކީ އަނެކަކަށް ވެސް ލިބޭ ހިތާމައާއި ވޭނެކެވެ.”
އަޅުގަނޑުމެންގެ ތެރޭ މިއަދު ދިމާވާ ޢާއިލީ ވަރަށް ގިނަ މައްސަލަތަކުގެ އަސާސަކީ ދެމަފިރިންގެ މެދުގައި ބައިއެޅުން ގިނަވުމެވެ. ދެ މީހުން ދެ މީހުންގެ ކަންކަމާ ތަކެތި ވަކިކޮށް ފަރަޤުކުރުމެވެ.
ކާވެނީގެ ދަތުރު ދެމަފިރިންނަށް އެކުއެކުގައި ކުރެވޭނީ އެކަކު އަނެކަކުގެ މަދަދުގާރަކު ކަމުގައި ވެގެންނެވެ. ކޮންމެ ފަރާތަކުން އެ ފަރާތެއްގެ ޙައްޤުތައް ހޯދަން ވަކާލާތުކޮށްފައި، އަނެކާގެ ޙައްޤު ޙިމާޔަތްކުރަން ތިބާގެ މައްޗަށް އޮތް ޒިންމާ ހަނދާން ނައްތައިލާ ނަމަ، އެއީ ދިރިއުޅުން ކަމުގައި ވާނޭތޯއެވެ؟ ކާވެނީގެ މަޤްޞަދު ޙާޞިލު ވާނޭތޯއެވެ؟
އުމުރުން ދޮށިވެ ހަރުކުލަޔަށް އަރާފައި ތިބޭ ބޮޑުދައިތައިން، އެ މީހުންނަށް ބޮޑުދައިތަކިޔާ ޅަކުދިން ކާވެންޏަށް ތައްޔާރުވާއިރު ދޭ ނަސޭހަތަކީ، “ލިބެން އޮތްހައި އެއްޗެއް ފިރިމީހާ އަތުން ހޯދައްޗޭ” ބުނުން ކަމުގައި ވާ ނަމަ ނުވަތަ މި ބީދައިން ޢަދާވާތްތެރިކަމުގެ ރޫޙު އަށަގަންނާނޭ ގޮތަށް ވާހަކަ ދެކެވޭ ނަމަ، ކާވެނީގެ ދަތުރުގައި އޮޔާދާނީ ހަމަ އެ ނަސޭހަތުގައި ހިފައިފި މީހާއެވެ. ކާވެނީގެ ގޮތުން ތިޔަ ގުޅެނީ އެ މީހެއްގެ ދުޝްމަން މީހާއާ ކަމުގައި ވާ ނަމަ، އެފަދަ ނަސޭހަތަކުން މަންފާއެއް ވެދާނެއެވެ. އެހެނަސް ޞުލްޙަވެގެން އުޅުމަކަށް އެ ނަސޭހަތުގައި ޖާގައެއް ނެތެވެ.
ކާވެނީގެ ގުޅުމަކީ މުޤައްދަސް ގުޅުމެކެވެ. އެ ގުޅުމަށް ބާރުދެއްވައި ތަނަވަސްކުރައްވަނީ މާތް ﷲ އެވެ. “އެއުރެންނީ، ފަޤީރުން ކަމުގައި ވާ ނަމަ، އެކަލާނގެ ފަޟުލަވަންތަކަމުން، އެކަލާނގެ އެއުރެން މުއްސަނދިކުރައްވައިފާނެތެވެ. ﷲ އީ، ތަނަވަސް-ވަންތަ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” (އައްނޫރު: 32)
މައުލޫމާތު: الشَّيْخُ مُحَمَّدُ أَفْضَلْ / ދީނުގެމަގު

