ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ހިންގުން ހެލްތު މިނިސްޓްރީއަށް ބަދަލުކޮށްފިި އެވެ.
ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓު މިނިސްޓްރީގެ ފަރާތުން ހުށަހެޅި މި ބަދަލު ގެނައުުމަށް ނިންމާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމުގައެވެ. އެ ނިންމުމުގައި ވަނީ މިހާރު ސޯޝަލް އެެންޑް ފެމެލީ ޑިވެލޮޕްމެންޓު މިނިސްޓްރީގެ ދަށުން ގުރައިދޫގައި ހިންގަމުން އަންނަ މަރުކަޒު ހެލްތު މިނިސްޓްރީގެ މެންޑޭޓުގެ ދަށަށް ބަދަލު ކުރުމަށެވެ.
މި ބަދަލާއެކު މަރުކަޒަށް ކަނޑައަޅާފައިވާ ބަޖެޓާއި މަރުކަޒުގެ މަސައްކަތްތައް އަދި މުވައްޒަފުން ވެސް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ވާނެ އެވެ.
ގުރައިދޫ މަރުކަޒަކީ، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި އާއިލާ އަދި މުޖުތަމައުގެ އަޅާލުން ނުލިބޭ ފަރާތްތަކަށާއި ބެލެނިވެރިޔަކު ނެތް މީހުންނަށް ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހިންގާ މަރުކަޒެކެވެ.

