ރައްޔިތުންގެ މަޖިލީހުން ލަފާ ދީފައިވާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރުން މަގާމުން ވަކި ކުރައްވައިފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުން ވަކިކުރި މެންބަރުން:
- މުހައްމަދު މުނައްވަރު އަލީ – ރައީސް
- ހުސައިން ޒައިދާން ޖަލީލް – ނައިބު ރައީސް
- އަހުމަދު އަޝްރަފް – މެންބަރު
- ހަދީޖާ ނައީމް – މެންބަރު
މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުންގެ މައްސަލަ ބެލުމަށްފަހު، މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ވަނީ އެ ޓްރައިބިއުނަލްގެ މެންބަރު އިސްމާއީލް ސާޖިދު ފިޔަވައި އަނެއް 4 މެންބަރުން ވަކިކުރުމަށެވެ.
މި މެންބަރުން ވަކިކުރުމަށް ރައީސް ޑރ މުއިއްޒަށް ލަފާއެރުވީ މިމަހުގެ 19 ވަނަ ދުވަހުއެވެ. މި ލަފާ އާއި އެއްގޮތަށް މަގާމުން ވަކިކުރިކަން ރައީސް އޮފީހުން އިއްޔެ ވަނީ އެ މެމްބަރުންނަށް އަންގާފައެވެ.
ޓްރައިބިއުނަލް ހަތަރު މެމްބަރަކު ވަކިކުރަން ރައީސަށް ލަފާ އަރުވަން ފެންނަކަމަށް ފާސްކޮށްފައިވަނީ 63 މެންބަރުން ވޯޓުންނެވެ.
ކޮމިޓީއިން ބެލިބެލުމުގައި ޓްރައިބިއުނަލް ބައެއް މެންބަރުންގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ނުހައްގު މުއްސަނދިކަން ހޯދިކަމަށް ތުހުމަތު ކުރެވިފައިވުމުން މި މައްސަލަ ބެލުމަށް އޭސީސީއަށް ވަނީ ހުށަހަޅާފައެވެ.

