ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑުގައި މިވަގުތު ސަރުކާރުގެ މެޖޯރިޓީއެއް ނެތް ކަމަށާއި، އެ ބޭންކުގެ ނިންމުން ބާތިލުކުރުމަށް ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި ހުސައިން އަފީފް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ބީއެމްއެލް ބޯޑުގައި މިހާރު ތިބީ ސަރުކާރުގެ 4 ޑިރެކްޓަރުންނާއި ސަރުކާރު ނޫން 5 ޑިރެކްޓަރުންނެވެ. އަދި ސަރުކާރުގެ އިތުރު 2 ޑިރެކްޓަރުން އައްޔަންކުރުމަށް 2-3 ހަފުތާ ނަގާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރުފިޔާ ކާޑުތަކުން ޑޮލަރު މުޢާމަލާތް ނުކުރެވޭގޮތަށް ބީއެމްއެލްއިން ނިންމި ނިންމުން ބާޠިލުކުރުމަށް ޕަބްލިކް ޑިރެކްޓަރުންގެ ތެރޭގައި ހިމެނޭ ބޭފުޅުން ރިޕްރެޒެންޓްކޮށްދޭ ނިސްބަތްވާ އިސްބޭފުޅުންގެ ތެރެއިން ޗަމްޕާ މުހައްމަދު މޫސާ އާއި ހުސައިން އަފީފް އެހީތެރިކަން ދެއްވިކަން ފާހަގަކުރައްވައި ރައީސް ޑރ މުއިއްޒު ވިދާޅުވީ އެބޭފުޅުންނަށް ރިޕްރެޒެންޓްވާ ޑިރެކްޓަރުންނާ ވާހަކަދައްކަވައި، އެބޭފުޅުންގެ ސަޕޯޓާއި ސަރުކާރުގެ ޑިރެކްޓަރުންގެ ސަޕޯޓާއެކީގައި ކުރެވުނު މަސައްކަތުން އިއްޔެ ކެބިނެޓު ފެށުނީއްސުރެ ނިންމާނުލައި ބޭންކުގެ މިމައްސަލަ ނިންމުމަށް މަސައްކަތް ކުރެއްވި ކަމަށްވެސް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އަދި ބީއެމްއެލްގެ ތެރެއިން ދުރާލާ ރޭވިގެން ބަޣާވާތެއް ހިންގި ކަމަށާއި އޭގެ ކުރިން ބައެއް ގައުމުތަކުގައި މަގުމައްޗަށް ރައްޔިތުން ނުކުތުމުގެ މިސާލު ދައްކައި ހިތްވަރުދީ، އެހެން ގޮސް ވަރަށް ގިނަ ކަންތައް ކުރަން މަސައްކަތްކޮށްފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަން ފަށާފައިވާ ކަމަށާއި، ސަރުކާރުން ފުލުހުންނަށާއި ސިފައިންނަށް ސިޔާސީ ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ފުލުހުންގެ ތަހުގީގުން ފާހަގަވާ ކަންކަން ޝަރީއަތަށް ފޮނުވައިގެން ކުށް ސާބިތުވާނަމަ ހުކުމް ތަންފީޒުކުރާނެ ކަމަށާއި، ސަރުކާރުން ޝަރީޢަތަށްވެސް ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ޑރމުއިއްޒު ވިދާޅުވިއެވެ.

