މިއަހަރުގެ ނޮވެމްބަރު މަސް އަންނައިރު ރާއްޖޭގެ ރިޒާވް ރަނގަޅުކޮށް އިގްތިސޯދު ކުރިއެރުވޭނެ ކަމުގެ ޔަގީންކަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވެސް ރާއްޖޭގެ މާލީ ހާލަތު ރައްޔިތުންނަށް ހާމަކޮށްދެއްވާފައިވާނެ ކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުން ރާއްޖެ އިގްތިސޯދީ ފުން އަނދަވަޅަކަށް ވައްޓާލާފައިވާ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އެގޮތުން ރައީސް ވިދާާޅުވީ، ގައުމު މި ހާލަތަށް ދިޔައީ ކުރީގެ ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ ޗާޕުކޮށް، ބޮޑު އިންޓްރަސްޓެއްގައި ލޯނުތައް ނަގައި އަދި ކޮވިޑު ތެރޭގައި އިސްރާފުކުރުމުން ކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަވަނީ ފައިސާ ޗާޕުނުކޮށް އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ކަމަށެވެ. އަދި އެ މަސައްކަތް ފެއްޓެވުމުން ރާއްޖޭގެ އިގްތިސޯދު ވެއްޓިފައިވަނީ ފުން އަނދަވަޅަކަށްކަން ހާމަވަމުންދާކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ފައިސާ ޗާޕުކުރުމާ ބެހޭގޮތުން ރައީީސް ވިދާޅުވީ އިގްތިސޯދީ މާހިރުންނާއި، އައިއެމްއެފް އަދި ވޯލްޑްބޭންކުން ފާހަގަުރާ ގޮތުގައި، އެންމެ އަސާސީ ކަމަކީ އިތުރަށް ފައިސާ ޗާޕުނުކޮށް ރިޒާވް ވަރުގަދަކުރަން މަސައްކަތްކުރުން ކަމަށެވެ.
“އެ މަސައްކަތް އެގޮތަށް ފެށުމުން އަޅުގަނޑުމެންނަށް އިހުސާސްވާންފެށީ ވެއްޓިފައިވާ ފުން އަނދަވަޅު،” ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން، ސަރުކާރުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ މައްސަލައަށްވެސް ރައީސް އަލިއަޅުއްވައިލެއްވި އެވެ. ރައީސް ވިދާޅުވީ އަންނަ ނޮވެމްބަރު މަސް އަންނަންވާއިރު ރާއްޖޭގެ ރިޒާވް ރަނގަޅުކޮށް އެ ބިލުތަކަށް ފައިސާވެސް ދެއްކޭނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނީ ގައުމަށް އެންމެ ފައިދާ ހުރިގޮތް ހިޔާރުކުރައްވައިގެން ކަމަށެވެ. އަދި އެ ސިޔާސަތުގެ ދަށުން، ފައިސާ ޗާޕުނުކޮށް ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވާނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

