ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ފުރަތަމަ މަޝްރޫއު ނޮވެމްބަރު މަހު ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު އެހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ސައީދު ވިދާޅުވީ ރާއްޖޭގައި ފޮރިން ކަރަންސީ އެންމެ ބާރު ބޮޑު ކުރާ އެއްކަމަކީ އިންޕޯޓްކުރާ ތެލަށް ކުރާ ހަރަދު ކަމަށާޮބކޮންމެ އަހަރަކު 500 ނުވަތަ 600 މިލިއަން ޑޮލަރާ ހަމައަށް ތެޔޮ ގަންނަން ދައުލަތުން ހަރަދު ކުރާ ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ސޯލާ ސިޓީ ޕްރޮޖެކްޓުން 100 މެގަވޯޓުގެ ކަރަންޓް އުފައްދާއިރު ތެލަށްކުރާ ހަރަދުގެ ބޮޑު ބައެއް ކުޑަކުރެވިގެންދާނެ ކަމަށެވެ.
އެ މަޝްރޫއުގެ ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް ނިމެމުންދާކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ކޮމާޝަލް ކޮންޓްރެކްޓް، ޓެކްނިކަލް ކޮންޓްރެކްޓް، އަދި އީއައިއޭއާއި އެންވަރަޔަރަމަންޓަލް މަސައްކަތްތައް ނިމުމާއި ގާތްވެފައިވާ ކަމަށެވެ.
އެސްއީޒެޑްގެ ފުރަތަަމަ ޕްރޮޖެކްޓް ހަވާލުކުރީ ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ޕަވާ ކޯޕަރޭޝަނާއެވެ. އެ ކުންފުނީގެ ޓެކްނިކަލް ޕާޓްނަރަކީ ސަންގްރޯ ޕަވާ ސަޕްލައި ކޮމްޕެނީ ލިމިޓެޑެވެ.
އެ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގައި 150 މެގަވޮޓްގެ ފްލޯޓިން ފޮޓޯ ވޮލްޓައިކް (ޕީވީ) އިންޖީނުގެއަކާއި އެއާ ގުޅުންހުރި ސިވިލް އަދި އިލެކްޓްރިކަލް އިންފްރާސްޓްރަކްޗާއެއް ގާއިމުކޮށް، ލީ އޮން ބެޓެރީ ސިސްޓަމަކާއި އެނާޖީ މެނޭޖްމަންޓް ސިސްޓަމަކާއި މައި ޕަވާ ގްރިޑާ އިންޓަކަނެކްޝަނަށް ބޭނުންވާ އިންވެސްޓްމަންޓްތަކާ އެކު ގުޅާލެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

