އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ޕްރޮގުރާމުގެ ތިންވަނަ ބުރު 40 އިމާމުން ފުރިހަމަކޮށް، ސެޓްފިކެޓު ޙާސިލްކޮށްފިއެވެ.
މިސެޓްފިކެޓް ދިނުމުގެ ޖަލްސާ އޮތީ އޮންލައިންކޮށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގައެވެ.
މި ތަމްރީނު ޕްރޮގުރާމުގެ ކުރިއަށް ގެންގޮސްފައިވަނީ ވ އަދި މ އަތޮޅުގެ އިމާމުންނަށެވެ. މި ޕްރޮގުރާމުގެ މިހާތަނަށް 157 އިމާމުން ބައިވެރި ޕްރޮގުރާމު ނިންމާ ސެޓްފިކެޓު ޙާސިލްކޮށްފައިވެއެވެ.
އިމާމުން ތަމްރީންކުރުން ނުވަތަ ތާޒާކުރުމުގެ ޤައުމީ މަޝްރޫޢަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަހައްދަކަށް ބަހާލައިގެން ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމު ކުރިއަށް ގެންގޮސްފައިވަނީ 3 ދުވަހުގެ މުއްދަތަކަށެވެ. މި ޕްރޮގުރާމްގައި ޖުމްލަ 09 މާއްދާ ކިޔަވާދީފައިވެއެވެ.
އެގޮތުން، ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ ކަންކަން އުނގަންނައިދީ، މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް މި ޕްރޮގުރާމުގެ ތެރެއިން އިމާމުންގެ ޝަޚްޞިއްޔަތު ބިނާކުރެވޭނެއެވެ.
އިމާމުން ތަމްރީނުކުރުން ނުވަތަ ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ތެރެއިން ސަރުކާރުގެ އަމާޒަކީ 2024 ވަނަ އަހަރު ޖުމްލަ 700 އިމާމުން ތަމްރީނުކޮށް ނިންމުން.
މިހާތަނަށް ނިމިފައިވަނީ
ގއ، ގދ 77
ޏ އަތޮޅުން 40
މ އަދި ވ 40
ޖުމްލަ 157 އިމާމުން ވަނީ ތަމްރީން ކޮށްފައެވެ.

